ކޭން އަންނަ މަހުގެ ނިޔަލަށް ކުޅުމާ ދުރަށް
ކޭން އަންނަ މަހުގެ ނިޔަލަށް ކުޅުމާ ދުރަށް

ލަންޑަން (މާޗް 15) – ޕްރިމިއާ ލީގުގައި ބޯންމައުތު އަތުން އާދީއްތަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވި މެޗުގައި އަނިޔާވި ފޯވާޑް ހެރީ ކޭން އަންނަ މަހުގެ ނިޔަލަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ކޭންގެ ކަނާތު ފައިގެ ކުޑަހުޅުގެ ލިގަމެންޓަށް އަނިޔާވީ ބޯންމައުތުގެ ގޯލްކީޕަރު އަސްމިރް ބެގޮވިޗާ އެކު ބޯޅައަށް މަސައްކަތްކުރަނިކޮށެވެ. މި ސީޒަނުގައި 35 ގޯލް ޖަހާފައިވާ ފޯވާޑަށް އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ހޮނިހިރު ދުވަހު ސްވަންސީ ސިޓީއާ ދެކޮޅަށް ނުކުޅޭވޭނެ އެވެ.

މީގެ އިތުރުން އިންގްލެންޑުން މި މަހު ނެދަލެންޑްސް އާއި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ. އެކަމަކު ވޯލްޑް ކަޕަށް އެއްވެސް މައްސަލައެއް ނެތި ފިޓްވާނެ އެވެ.

ކޭންގެ ކުޑަހުޅަށް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު އަނިޔާވެ 10 ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. އަދި މިދިޔަ އަހަރުގެ މާޗު މަހު އެތަނަށް އަނިޔާވެ ހަތަރު ހަފުތާ އަށް ކުޅުމާ ދުރަށް ދާން ޖެހުނެވެ.