15 މާޗް 2018 - 13:50

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން ނ. މާފަރުގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އަބޫދާބީ ފަންޑުން ސިންގަޕޫރުގެ ޓަފް އޮފްޝޯ ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން އެއާޕޯޓް ހަދާ ސަރަހައްދާއި ރަންވޭ އާއި ޓެކްސީވޭ ހަދާ ތަން ސާފުކޮށް ބިންގަނޑު ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ އެއާޕޯޓު ހަދާ ނިމޭއިރު އެއާބަސް އޭ 320 މަރުކާގެ މަތިންދާބޯޓާއި ބޮއިން 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ފެންވަރުގެ 2،200 މީޓަރުގެ ރަންވޭއަކާއި ޒަމާނީ ފެންވަރުގެ ޓާމިިނަލެއްގެ އިތުރުން ވީއައިޕީ ޓާމިނަލެއް ވެސް ހުންނާނެ ކަމަށެވެ.
"މި މަސައްކަތް ނިންމައި މިއަހަރުގެ ޖުލައި މަހު ހުޅުވަން ޓާގެޓްކުރަނީ. މި މަސައްކަތް ކުރިޔަށްދާ ގޮތުން އެ މުއްދަތަށް ހުޅުވޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އަބޫދާބީ ފަންޑާއެކު ދިވެހި ސަރުކާރުން ސޮއިކުރީ ސިޓީ ހޮޓަލަކާއެކު މާފަރުގައި ބައިނަލްއަގްވާމީ އެއާޕޯޓެއް އެޅުމަށާއި ނ. އަތޮޅަކީ އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އަދި ޑިޖިޓަލް ސްކޫލް ޕްރޮގްރާމަށް އެ ފަންޑުން އެހީވުމަށެވެ.
މާފަރު އެއާޕޯޓާއި ސިޓީ ހޮޓާ އަޅައިދޭނެ ބަޔަކު އަބޫދާބީ ފަންޑުން ކަނޑައެޅީ އެކަން ކޮށްދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް އާންމުކޮށް އިއުލާން ކުރުމަށް ފަހު އެވެ. އަބޫދާބީ ފަންޑުގެ ހިލޭ އެހީގައި ހިންގާ މި މަޝްރޫއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ކުރިން ވަނީ ވިދާޅުވެފަ އެވެ.