އެމެރިކާ މީހަކު އަނބިދަރިން މަރާލުމަށް ފަހު އަމިއްލަ އަށް މަރުވެއްޖެ
އެމެރިކާ މީހަކު އަނބިދަރިން މަރާލުމަށް ފަހު އަމިއްލަ އަށް މަރުވެއްޖެ

އެމެރިކާގެ އެއާ ފޯސްގައި ކުރިން މަސައްކަތް ކުރި މީހަކު އޭނާގެ އަންހެނުންނާއި ދެ ދަރިން މަރާލައި، އިމަޖެންސީ އަށް ގުޅައި އެ ހަބަރު ދިނުމަށް ފަހު، ބަޑި ޖަހައިގެން އަމިއްލަ އަށް މަރުވެއްޖެ އެވެ.

ކްލިންޓަން ފީލްޑް، 29، އެ މީހުންގެ ގޭގައި އަންހެނުން ސަމަންތާ ފީލްޑް، 33، އާއި އަންހެން ދަރިފުޅު އަވާ ފީލްޑް، 4، އަދި ފިރިހެން ދަރިފުޅު އޭޝެން ފީލްޑް، 2، މަރައިލީ ގޭގެ ކޮޓަރީގެ ތެރޭގައި ތިއްބަ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން އިމަޖެންސީ ޑިޕާޓްމަންޓްގެ ތަރުޖަމާން އެޑް ޓްރޯޔާ ވިދާޅުވީ އަނބިދަރިން މަރައިލުމަށް ފަހު، ކްލިންޓަން އެ ހަބަރު ހިއްސާ ކުރަން ގުޅުމާ އެކު، އެ ގެޔަށް ސްވޮޓް ޓީމް ވަގުތުން ދިޔަ ކަމަށެވެ.

"އެކަމަކު އެ ގެއަށް ދެވުނު އިރު އަނބިމީހާ އާއި ދަރިން މަރާލުމަށް ފަހު، ކްލިންޓަން އޮތީ ބޮލަށް ބަޑި ޖަހައިގެން ގޭގެ އެހެން ދިމާލެއްގައި މަރުވެފައި،" އޭނާ ވިދާޅުވި އެވެ. "ސަމަންތާ އާއި ދަރިން ތިބީ އެނދުމަތީގައި ޒަހަމްތަކާ އެކު. އެ މީހުންނަށް ވެސް ހަމަލާ ދީފައި ހުރީ ބަޑިން."

ނަމަވެސް ކްލިންޓަން އަންހެނުންނާއި ދަރިން މަރާލައި، އަމިއްލަ ފުރާނަ ވެސް ދުއްވައިލީ ސީދާ ކޮން ސަބަބާ ހުރެކަން އަދި ސާފެއް ނުވެ އެވެ. އެކަމަކު އެޑް ވިދާޅުވީ މި ހާދިސާ ހިނގި އިރު، ސަމަންތާ އާއި ފީލްޑް ވަރިވާން ނިންމާފައިވާކަން އެނގިފައިވާ ކަމަށެވެ.

"އަދި އަހަރެމެން ބެލިބެލުމުން އެނގިފައިވޭ ކްލިންޓަން މީގެ ކުރިން ވެސް އަމިއްލަ އަށް މަރުވާން އުޅެފައިވާކަން. އެކަމަކު އެކަހަލަ އެއްވެސް ހާދިސާއަކާ ގުޅިގެން ކުރިއަކުން އަހަރެމެންނަށް އެއްވެސް ކޯލެއް ލިބިފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މި ހާދިސާ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.