ދުންފަތުގެ އިސްތިއުމާލުކޮށްގެން ބީރު ވެސް ވެދާނެ
ދުންފަތުގެ އިސްތިއުމާލުކޮށްގެން ބީރު ވެސް ވެދާނެ

ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ ލިބޭ ގެއްލުންތަކުގެ ވާހަކަ ދައްކައި ހުހެއް ނުވާނެ އެވެ. އެކަމުން ސާބިތުކޮށްދެނީ އެކަމުގައި އެއްވެސް ފައިދާއެއް ނެތުމާއި ގެއްލުން ހުރި ކަމެވެ.

ދުންފަތުގެ އިސްތިއުމާލުކޮށްގެން ބީރު ވެސް ވެދާނެ
ދުންފަތުގެ އިސްތިއުމާލުކޮށްގެން ބީރު ވެސް ވެދާނެ

ދިރާސާއެއްގައި މިހާރު ބުނަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ބީރުވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ. އެކަން ކުރިމަތިވަނީ އެ މީހަކު ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރުގެ މައްޗަށެވެ. މާނައަކީ ގިނައިން، އާންމުކޮށް ސިނގިރޭޓް ބޯ މީހުންގެ، އަޑު އިވުމުގެ ހިއްސު ގެއްލި ބީރުވުމުގެ ފުރުސަތު، އެ ނޫން މީހުންނަށް ވުރެ ބޮޑުކަމެވެ.

އަށް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ދިރާސާ އަށް އުމުރުން 20-64 އަހަރާ ދެމެދުގެ 50،195 މީހުން ބޭނުންކޮށްފައިވާ އިރު، ނަތީޖާތަކުން ދައްކަނީ އޭގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު މިހާރު ކުރާ މީހުންނާއި ކުރިން ކުރި މީހުންނާއި ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ އަޑު އިވުމުގެ ހިއްސުގައި ބާރު ހުރި މިންވަރުގައި ބޮޑު ފަރަގެއް ހުރި ކަމެވެ.

އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނުކުރާ މީހުންގެ އަޑު އިވުމުގެ ހިއްސު ހުރި މިންވަރަށް ބަލާ އިރު، ދިރާސާ އިން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ބީރުވުމުގެ ފުރުސަތު ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވުރެ 1.2-1.6 ޕަސަންޓަށް އިތުރެވެ.

ދިރާސާ އިން ދައްކަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލިތާ ފަސް އަހަރު ފަހުން، އަޑު އިވުމުގެ ހިއްސު ގެއްލުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެވެ.

ޖަޕާންގެ ނެޝަނަލް ސެންޓަ ފޮ ގްލޯބަލް ހެލްތު އެންޑް މެޑިސިންގެ ރިސާޗަރު ހުއަންހުއާން ހޫ ވިދާޅުވި ގޮތުގައި ދިރާސާ އިން ސާބިތުކޮށް ދިން ކަމަކީ ދިގު މުއްދަތަކަށް، ގަދަ އަށް ދުންފަތުގެ އިސްތިއުމާލު ކުރާ މިހުންނަށް ބީރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އެކަމަކު އެކަމުގެ ބިރު އެންމެ ބޮޑީ އެ މީހަކު ދުންފަތުގެ އިސްތިއުމާލު ދުވާލެއްގެ މައްޗަށް ކުރާ ނިސްބަތަކަށް ވެސް ރިއާޔަތްކޮށް. މާނައަކީ ދުވާލަކު އެތަކެއް ސިނގިރެޓެއް ބޯ މީހެއް ނަމަ، އެ މީހަކަށް އެބަ އޮތޭ ވަރަށް އަވަހަށް އަޑު އިވުމުގެ ހިއްސު ކޮންމެވެސް ވަރަކަށް ގެއްލުމުގެ ފުރުސަތު،" އޭނާ ވިދާޅުވި އެވެ. "އެހެންވެ އެބަ ޖެހޭ މިކަހަލަ ނުރަނގަޅު އާދަތަކުން ދުރުވާން މަސައްކަތް ކުރަން."

މި ދިރާސާ މިހާރު ވަނީ ނިކޮޓިން އެންޑް ޓޮބޭކޯ ރިސާޗް ޖާނަލްގައި ޝާއިއު ވެސްކޮށްފަ އެވެ.