15 މާޗް 2018 - 10:34

އޭޑީކޭ ހޮސްޕިޓަލުގެ ކެތު ލެބް މިރޭ ހުޅުވައި ހިދުމަތް ދޭން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލުގައި ގާއިމް ކުރާ، ހިތުގެ އޮޕަރޭޝަނަށް ހާއްސަ މިތަން މި ހުޅުވަނީ އެ ހޮސްޕިޓަލުގެ 31 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކެތު ލެބް ހުޅުއްވައިދެއްވާނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.
ކެތު ލެބާއެކު، ޒަމާނީ ފެންވަރަށް އެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ތިއޭޓާ ކޮމްޕްލެކްސް ވެސް މިރޭ ހުޅުވާނެ އެވެ. މިތަނުގައި ހިތުގެ ބައިޕާސް އޮޕަރޭޝަންތައް ވެސް ކުރެވެ އެވެ.
އޭޑީކޭގެ ކެތު ލެބާއި ތިއޭޓާ ސެންޓަރު، ކުރިއަށް އޮތް ތިން ދުވަހު އާއްމުންނަށް ހުޅުވާލާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
"މިހާރު" އާ ކުރިން ވާހަކަ ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި ކެތު ލެބަށް ގެނެސްފައި ވަނީ ޖަރުމަނުގެ ސީމަންސް ކުންފުނިން އުފައްދާފައިވާ މެޝިނެކެވެ.
"މި މެޝިނުގެ އެހީގައި އެންޖިއޮގްރަފީ އާއި ބެލޫނިން އާއި ސްޓެންޓިން ހެދޭނެ. އަދި އޭގެ އިތުރުން ނިއުރޮލޮޖީ މޮޑިއުލެއް ހުންނާނެ. ފަންކްޝަންތައް ވެސް އިތުރު ކޮށްފައި ހުންނާނެ،" އަފްއާލް ވިދާޅުވި އެވެ.
އޭނާ ކުރިން ވިދާޅުވި ގޮތުގައި ހިތުގެ ބަލިތަކާ ގުޅޭ ގިނަ ތަހުލީލުތަކެއް އެތަނުގައި ކުރެވޭނެ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކެތު ލެބެއް ހުޅުވީ 2016 ވަނަ އަހަރު އައިޖީއެމްއެޗުގަ އެވެ. އެތަނުން މިހާރު ވެސް އަންނަނީ ކާމިޔާބު ގިނަ ޕްރޮސީޖާތަކެއް ހަދަމުންނެވެ.