ޔުވެންޓަސް ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި
ޔުވެންޓަސް ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި

ޓިއުރިން (މާޗް 15) – އެޓަލަންޓާ އަތުން 2-0 އިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އިން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ބާކީ 10 މެޗު އޮއްވާ ޔުވެންޓަސް އިން މި ނެގި ލީޑާ އެކު އެ ޓީމަށް ވަނީ ލީގު ޗެމްޕިއަންކަން ހޯދުމަށް ފުރުސަތު ފަހިވެފަ އެވެ. ޔުވެންޓަސް އަށް ފައިދާ މި ލިބުނީ ނަޕޯލީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅެއް ހޯދޭ ގޮތްނުވުމުންނެވެ. ރޯމާ އަތުން 4-2 އިން ބަލިވިއިރު އެންމެ ފަހުން ކުޅުނު މެޗުގައި އިންޓައާ 0-0 އެއްވަރުވީ އެވެ.

ޔުވެންޓަސް އެއް ވަނައިގައި އޮތީ 74 ޕޮއިންޓާ އެކު އެވެ. ނަޕޯލީ ދެ ވަނައިގައި އޮތީ 70 ޕޮއިންޓާ އެކު އެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލީޑު ނަގައިދިނީ 29 ވަނަ މިނެޓުގައި ގޮންޒާލޯ ހިގައިންނެވެ. އެޓަލަންޓާގެ ގިއަންލޫކާ މަންޗިޗްނީ އަށް 79 ވަނަ މިނެޓުގައި ރަތްކާޑު ދައްކާފައިވަނިކޮށް ޔުވެންޓަސްގެ ދެ ވަނަ ގޯލް 81 ވަނަ މިނެޓުގައި ޖެހީ ބްލައިސް މަޓުއިޑީ އެވެ.

އިޓާލިއަން ލީގު 1990 ވަނަ އަހަރަށް ފަހު ހޯދުމަށް ނަޕޯލީން ދެކެމުން އަންނަ ހުވަފެން ސީދާކުރުމަށް ދެން އޮތީ ކުރިއަށް ވުރެ އުނދަގޫ މަސައްކަތެކެވެ. މައުރީޒިއޯ ސާރީގެ ކޯޗުކަމުގެ ދަށުން މޮޅު ފުޓްބޯޅައެއް ކުޅެމުން އަންނަ ނަޕޯލީ އަށް މި ސީޒަނުގައި ލިބެން އޮތް ހަމައެކަނި މުބާރާތަކީ ވެސް ލީގެވެ. އަނެއްކޮޅުން ޔުވެންޓަސް އަށް ތިން ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ. އިޓާލިއަން ކަޕުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު އެ ޓީމު ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ވެސް ފުރުސަތު ހޯދައިފަ އެވެ.