16 މާޗް 2018 - 08:44

އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މައިލީ ސައިރަސް 2013 ގައި ނެރުނު އަލްބަމް "ބޭންގާޒް" ގައި ހިމެނޭ ލަވަތަކުގެ ތެރެއިން "ވީ ކާންޓް ސްޓޮޕް" އަކީ 1988 ގައި ނެރުނު ލަވައެއް ކަމަށްވާ "ވީ ރަން ތިންގްސް" ޅެމުގެ ކޮޕީއެއް ކަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 300 މިލިއަން ޑޮލަރު ހޯދަން ޖެމެއިކާގެ ޅެންވެރިޔާ މައިކަލް މޭ މެންހަޓަންގެ ޑިސްޓްރިކްޓް ކޯޓަށް އަންގާރަ ދުވަހު ހުށަހަޅައިފި އެވެ.
"ވީ ކާންޓް ސްޓޮޕް" އަކީ ވަރަށް ގިނަ ބަޔަކު ހިއްސާވެގެން ލިޔެފައިވާ ލަވައެއް ކަމަށް ބުނެ، ލަވައިގެ ކްރެޑިޓް ދީފައިވާ މީހުންގެ ތެރޭގައި މައިލީގެ އިތުރުން ޕްރޮޑިއުސަރު މައިކް ވިލިއަމްސް، ޕިއާ ސްލޯޓާ (ޕީ-ނޭސްޓީ)، ތެރަން އާއި ޓިމޮތީ ތޯމަސް (ރޮކް) ސިޓީ ހިމެނެ އެވެ.
އެކަމަކު ލަވައިގެ ޅެމަށް ދައުވާ ކުރާ މައިކަލް ބުނި ގޮތުގައި 25 އަހަރުގެ ލަވަކިޔުންތެރިޔާގެ "ވީ ކާންޓް ސްޓޮޕް" ގައި ހުރީ މުޅިން ވެސް އޭނާގެ ލަވައިގައި ހުރި ވާހަކަތަކެވެ. އެހެންވެ އެއީ ކޮޕީކޮށްފައިވާ ލަވައެއް ކަމަށާއި އޭގެ ސަބަބުން ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބުންޏެވެ.
މި މައްސަލާގައި ދައުވާ ކުރަނީ ކުރަނީ މައިލީގެ އިތުރުން "ބޭންގާޒް" ގެ ރިކޯޑް ލޭބަލް ކަމަށްވާ ސޮނީގެ ދަށުން ހިންގާ އާރްސީއޭ ރިކޯޑްސްއާ ދެކޮޅަށެވެ.
"އަހަރެންގެ ލަވައިގެ ޅެމުގެ ވަރަށް ބޮޑު ބައި މައިލީގެ ލަވައިގައީ އޮތީ ކޮޕީކޮށްފައި. ލަވަ އަޑު އަހާލީމަ އެކަން އެނގޭނެ،" މައިކަލް ބުންޏެވެ. "އެހެންވީމަ މިއީ ސީދާ އަހަރެންގެ ހައްގަކަށް އަރައި ގަތުން. އަދި މީގެ ސަބަބުން ވަނީ ބޮޑު ގެއްލުމެއް ވެސް ވެފައި."
މިކަމާ ބެހޭ ގޮތުން މިދިޔަ އަހަރު "ޔަންގާ ނައު" ގެ ނަމުގައި އަލްބަމެއް ނެރުނު މައިލީ އާއި އާރްސީއޭ އިން ވަނީ މައްސަލަ ކޯޓްގައި އޮތުމުން ކޮމެންޓެއް ކުރަން ދެކޮޅު ހަދައިފަ އެވެ.
ދާދި ފަހުން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާ ދެކޮޅަށް ވެސް ލަވައެއްގެ ޅެން ކޮޕީ ކުރި ކަމަށް ބުނެ ދައުވާކޮށްފައިވެ އެވެ. އެކަމަކު އެ މައްސަލާގައި ކޯޓުން ވަނީ ސްވިފްޓް ލަވަކޮޕީ ކުރިކަން ސާބިތުވާ ވަރުގެ ހެކިތަކެއް ނެތް ކަމަށް ބުނެ، މައްސަލަ ކޯޓުން ބޭރުކޮށްލައިފަ އެވެ.