14 މާޗް 2018 - 18:43

ރޯމް (މާޗް 14) - ބިންގަނޑު ކޮނުމުގެ މަސައްކަތެއް ކުރަމުން ދަނިކޮށް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ބޮމެއް އިޓަލީގެ މެދުތެރޭގެ ހިސާބަކުން ފެނުމާ ގުޅިގެން، އެ ބޮން ގޮވައިފާނެކަމުގެ ބިރަށް 23،000 މީހުން ދުރަށް ޖައްސައިފި އެވެ.
އޮފިޝަލުން ބުނެފައި ވަނީ ފާނޯ އިން ފެނިފައި ވަނީ އިނގިރޭސި ވިލާތުގައި އުފައްދާފައިވާ ބޮމެއް ކަމަށާއި އެ ބޮން އެކްސިޑެންޓަކުން އެކްޓިވޭޓްވެފައިވާ ކަމަށެވެ. އެހެންވެ ކޮންމެ ވަގުތަކު ވެސް ބޮން ގޮވައިފާނެ ކަމަށް ވަނީ ބުނެފަ އެވެ.
ބޮން އެކްޓިވޭޓްވުމާ ގުޅިގެން އެ ސަރަހައްދުގެ ސްކޫލްތައް މިއަދު ބަންދުކޮށް ހޮސްޕިޓަލްތަކުގެ ބަލި މީހުން ވެސް ވަނީ އެހެން ހިސާބުތަކަށް ގެންގޮސްފަ އެވެ. އަދި ރޭލުގެ ޚިދުމަތް ވެސް ވަނީ މެދުކަނޑާލައިފަ އެވެ. ބޮން ފެނުނު ތަނުގެ 1.8 ކިލޯ މީޓަރު ރޭޑިއަސްގައިވާ އެންމެން ވަނީ ދުރަށް ޖައްސައިފަ އެވެ. އެއާޕޯޓް ވެސް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ފަހުން ވަނީ ސިފައިންގެ ތަޖްރިބާކާރު ޚާއްސަ ޓީމަކުން އެ ބޮން ނެގުމަށް ފަހު ކަނޑަށް އެއްލާލައިފަ އެވެ.
ފާނޯ އިން ފެނުނު ބޮމުގެ ދިގު މިނުގައި 3.6 ފޫޓު އަދި ބަރުދަނުގައި 225 ކިލޯ ހުއްޓެވެ.