14 މާޗް 2018 - 15:46

މ. ވީނަސް ގޭ ފަސް ވަނަ ބުރިން "ވެއްޓި" ޒުވާނަކު މަރުވި މައްސަލައިގެ އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މަޖީދީ މަގު ސޮނީ ހާޑްވެއާ ފިހާރަ ހިންގާ އިމާރާތުގައި ހުންނަ ގެސްޓް ހައުސްގެ ފަސް ވަނަ ބުރީގެ ބެލްކަންޏަކުން މިދިޔަ އާދިއްތަ ދުވަހު "ވެއްޓި" މަރުވީ އަހުމަދު އިޔާޝް، 22، އެވެ.
އެ މައްސަލައިގައި އޭނާއާ އެކު ގެސްޓް ހައުސްގައި އުޅުނު ދެ އަންހެނުންނާ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެމީހުންގެ ބަންދާ ގުޅޭ ގޮތުން ކޯޓުން ނިންމި ގޮތާއި އެ ހާދިސާ ހިނގި ގޮތުގެ މައުލޫމާތު ހޯދުމަށް އެދުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
މަންޒަރު ދުށް މީހަކު، ނަން ނުޖަހާ ގޮތަށް، އެ ދުވަހު ކިޔައިދިން ގޮތުގައި އެ ރޭ ފަތިހުން ފެށިގެން އިޔާޝްއާ އެކު އުޅުނު މީހުންގެ ތެރޭ ހަމަނުޖެހުންތަކެއް ހިނގައިގެން އުޅުނެވެ. އެކަން ގެސްޓް ހައުސްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން ކޯޓު އަމުރު ނެތް ކަމަށް ބުނެ ފުލުހުން ނައީ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ހަމަނުޖެހުންތަކަށް ފަހު އިޔާޝް އެ އިމާރާތުގެ ފަސް ވަނަ ބުރި އަށް އަރައި ބެލްކަނީގައި އެލިގަނެގެން އޮތްތަން ފެނުނު ކަމަށެވެ. އެ ވަގުތު ފުލުހުންނަށް އެކަން ވެސް ރިޕޯޓްކުރި ކަމަށް އޭނާ ބުންޏެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިޔާޝް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.