14 މާޗް 2018 - 13:34

ކޮލަމްބޯ (މާޗް 14) - ސްރީ ލަންކާގައި ފޭސްބުކް އަލުން ހުޅުވާލާނީ ފޭސްބުކް ކުންފުންޏާ އެކު އެއްބަސްވުމަކަށް އައުމަށް ފަހު ކަމަށާއި ލަފާ ކުރެވޭ ގޮތުން ހުކުރު ދުވަހަށް ފަހު ފޭސްބުކް ހުޅުވާލެވޭނެ ކަމަށް އެ ގައުމުގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރު ހަރިން ފެނާންޑޯ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފެނާންޑޯ އިއްޔެ ވިދާޅުވީ ފޭސްބުކުގެ ޓީމެއް މާދަމާ ކޮލަމްބޯ އަށް ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި އޭގެ ފަހުން ފޭސްބުކާއި ވަޓްސްއަޕް ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަންގާރަ ދުވަހުގެ ރެއިން ފެށިގެން ވަނީ ވައިބާ ބޭނުން ކުރެވޭ ގޮތް ހަދައިފަ އެވެ.
ފެނާންޑޯ ވިދާޅުވީ ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދޭ ކޮންޓެންޓް ފަތުރާ ނަމަ ފޭސްބުކުން ވަގުތުން ފިޔަވަޅު އަޅަން ބޭނުންވާ ކަމަށެވެ. އެކަމަކު އެކަން ކުރަން ރިސޯސް ނެތް ކަމަށާއި ސިންހަޅަ ބަހުގެ ކޮންޓެންޓް ބަލަން ތިބެނީ އެންމެ ދެ މުވައްޒަފުން ކަމަށް ފޭސްބުކުން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާގައި ދީނީ ހަމަނުޖެހުންތަކަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރު ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާ ބްލޮކް ކުރީ މި މަހު 7 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ މަނާކުރީ ތިން ދުވަހަށެވެ.
ލަންކާގައި ސޯޝަލް މީޑިއާ ބްލޮކް ކުރުމުން އިގްތިސާދަށް ގެއްލުންވަމުންދާ ކަމަށް ބުނެ ބައެއް މިނިސްޓަރުން ދަނީ ޝަކުވާ ކުރަމުންނެވެ. ޔޫތު މިނިސްޓަރު ސަގަލަ ރަތުނަޔަކަ ވިދާޅުވީ ސޯޝަލް މީޑިއާ ބަންދުކޮށްފައި ގިނަ ދުވަހު ބޭއްވުމަކީ މި ޒަމާނާ ގުޅޭ ކަމެއް ނޫން ކަމަށެވެ.
ސޯޝަލް މީޑިއާ ބަންދުކުރީ ލަންކާގެ ބައެއް ހިސާބުތަކުގައި މުސްލިމުންނާ ދެކޮޅަށް ހަމަލާ ދޭން ހިތްވަރު ދޭން ފޭސްބުކާއި ވަޓްސްއަޕް ފަދަ ވަސީލަތްތައް ބޭނުންކުރަން ފެށުމުންނެވެ. ސޯޝަލް މީޑިއާ ބަންދު ކުރުމުން ލަންކާގެ 6.5 މިލިއަން މީހުންނަށް ވަނީ އެކަމުގެ ގެއްލުން ފޯރައިފަ އެވެ.
ލަންކާގެ ހަމަނުޖެހުންތައް ބޮޑުވުމުން ވަނީ 10 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.