އިންޑިއާގެ އެކްޓަރު ނަރެންދުރަ ޖާ ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ
އިންޑިއާގެ އެކްޓަރު ނަރެންދުރަ ޖާ ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ

ބޮލީވުޑްގެ އޭ ލިސްޓް ތަރިންނާ އެކު ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ އިންޑިއާގެ އެކްޓަރު ނަރެންދުރަ ޖާ ހާޓްއެޓޭކެއް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖާ، 55، މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން އޭނާ އަށް ހާޓްއެޓޭކް ޖެހިފައިވާ ކަމަށްވެ އެވެ.

އާރްޖޭ އަލޯކް، ޖާގެ މަރާ ގުޅިގެން ކުރި ޓްވީޓެއްގައި ބުނީ އޭނާ މަރުވީ ވާޑާގައި ހުންނަ ޖާގެ ފާމް ހައުސްގައި ކަމަށެވެ.

"މިިއީ އަނެއްކާ ވެސް ވަރަށް ހިތާމަވެރި ދުވަހެއް. ގެއްލިގެން ދިޔައީ ވަރަށް ހުނަރުވެރި އެކްޓަރެއް،" އޭނާ ބުންޏެވެ.

ޖާގެ މަރާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އަންނަނީ ހިތާމަފާޅުކޮށް ޓްވީޓް ކުރަމުންނެވެ.

މިހާތަނަށް ވަރަށް ގިނަ ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ ޖާ އެކްޓިންގެ ތެރެއަށް ނުކުތީ 1992 ގަ އެވެ.

އޭނާ ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި ޝާހްރުކް ހާނާ އެކު "ރައީސް"، ރިތިކް ރޯޝަނާ އެކު "ކާބިލް" އަދި "މޮހެންޖޮ ދާރޯ"، ސަނީ ޑިއޯލްއާ އެކު "ގާޔަލް ވަންސް އެގެއިން"، ޝާހިދު ކަޕޫރާ އެކު "ހައިދަރް" އަދި ޖޯން އަބްރަހަމްއާ އެކު "ފޯސް 2" ފަދަ މި ފަހުން ރިލީޒްވި ފިލްމްތައް ފާހަގަކޮށްލެވެ އެވެ.

ބައެއް ޓީވީ ސިލްސިލާތައް ވެސް ކުޅެފައިވާ ޖާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ "ބާހްބަލީ" ގެ އެކްޓަރު ޕްރަބާސް އާއި ބަތަލާ ޝްރަދާ ކަޕޫރް ލީޑް ރޯލުން ފެނިގެންދާ "ސާހޯ" އެވެ. އެ ފިލްމް މި އަހަރު ރިލީޒް ކުރި ނަމަވެސް އަދި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ޖާ މަރުވި އިރު އަންހެނުން ޕަންކަޖާ ތާކޫރް ދުނިޔޭގައި އެބަ ހުއްޓެވެ. އޭނާއަކީ އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) ގެ ކުރީގެ ސީއީއޯ އެވެ.