15 މާޗް 2018 - 06:24

ސޯޝަލް މީޑިއާގައި ބަހުސް ނުކުރާނެ ކަމެއް ނޯވެ އެވެ. އެކަމަކު މިއީ ހަމަ ބަހުސްކޮށްލަން ރަނގަޅު ކަމެކެވެ.

އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންއާ ބެހޭ ގޮތުން މި ދުވަސްވަރު ސޯޝަލް މީޑިއާގައި ބަހުސްކުރެވެނީ އޭނާގެ އަތުގެ އިނގިލިތައް ހުރި ގޮތުންނެވެ. އަތުގެ އިނގިލިތަކުގެ ދިގުމިން އެއްވަރު ކަމަށް ބުނެ އެވެ.
ނޫހަކުން ކޭޓްގެ އަތްތިލައިގެ ކްލޯޒްއަޕް ފޮޓޯއެއް ނަގައި، މިން އަޅައިގެން ދައްކާފައިވެ އެވެ. އެކަމަކު މަޖާ ކަމަކީ އެ ބުނާހާ އެއްވަރުކަމެއް އިނގިލިތަކުގައި ނެތްކަމެވެ. ސޯޝަލް މީޑިއާގައި މީހުން މިކަން ވަރަށް އަވަހަށް ފާހަގަ ވެސް ކުރި އެވެ.
މިކަމާ ބެހޭ ގޮތުން، އިނގިރޭސި ވިލާތުގެ މަޝްހޫރު ޓެބްލޮއިޑް ޑެއިލީ މެއިލް އިން ވަރަށް ބޮޑުކޮށްލައިގެން ވާހަކަ ދެއްކި އެވެ. އެ ނޫހުން ބުނީ، ތިން ވަނަ ދަރިއަކަށް ބަލިވެ އިން ކޭޓްގެ މެދު ތިން އިނގިލީގެ ދިގުމިން ވަރަށް އެއްވަރު ކަމަށާއި މެދު އިނގިލީގެ ސައިޒުން ކޭޓްގެ ޝަހުސިއްޔަތު ވެސް ދައްކައިދޭ ކަމަށެވެ. އަދި ބުނެފައި ވަނީ އެހެން މީހުންގެ މެދު އިނގިލި އެހެން އިނގިލިތަކަށް ވުރެ މާ ދިގުވާނެ ކަމަށާއި އެކަމަކު ކޭޓްގެ އަތުގައި އެކަން ތަފާތު ކަމަށެވެ.
ޑެއިލީ މެއިލް އިން މި ވާހަކަ ދެއްކުމާ އެހެން ޓެބްލޮއިޑްތަކުން ވެސް ހަމަ މި ވާހަކަ މިގޮތަށް ދެއްކުމުން ބޮޑު ބަހުސަކަށް ވީ އެވެ. ފޮޓޯއިން ފެންނަނީ އިނގިލިތައް އެއްވަރުކޮށް ނަމަވެސް އެއީ ހަގީގަތުގައި ހުރި ގޮތެއް ނޫނެވެ. އެކަމަކު ޓެބްލޮއިޑްތަކުގެ ޚަބަރުތައް، ތަނެއްދޮރެއް ނުބަލައި ސޯޝަލް މީޑިއާގައި ޝެއާކުރުމުން މީހުންނަށް ގަބޫލުކުރެވުނީ ކޭޓްގެ އިނގިލިތައް ހަމަ އެއްވަރު ކަމަށެވެ.