14 މާޗް 2018 - 12:07

ލަންޑަން (މާޗް 14) - ފުރޮޅުލީ ގޮނޑިއެއްގައި އިންނެވި ނަމަވެސް ދަތުރު ކުރެއްވީ ކާއިނާތުގެ އެންމެ ފުނަށެވެ. ކައުނުގެ ހަގީގަތްތައް ތިލަކޮށް ދެއްވުމުގެ ޝައުގުގައި އެއީ ދެވަނައެއް ނެތް މިސާލެކެވެ. ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް އެއީ ވިސްނުން ތޫނުކަމުގެ ނަމޫނާއެކެވެ. ދުނިޔެ ދުށް އެ އަގުހުރި ސައެންސްވެރިޔާ ސްޓެފަން ވިލިއަމް ހޯކިން މިއަދު ވަނީ އުމުރުފުޅުން 76 އަހަރުގައި ދުނިޔެ ދޫކުރައްވައިފަ އެވެ.

ޑރ. ހޯކިން 1988 ވަނަ އަހަރު ލިޔުއްވި "ބްރީފް ހިސްޓްރީ އޮފް ޓައިމް: ފްރޮމް ދަ ބިގް ބޭން ޓު ބްލެކް ހޯލްސް" ފޮތުގައި ވަނީ ބްލެކް ހޯލް އުފެދޭ ގޮތާއި ކާއިނާތުގައި ކަން ހިނގާ ގޮތް ހާމަކޮށްދެއްވައިފަ އެވެ. ކާއިނާތުގައިވާ ގްރެވިޓީ ނުވަތަ ދަމާބާރުގެ ގަދަކަމުން އަލި ވެސް ދަމައިގަތުމުން މުޅި ސަރަހައްދަށް ވެރިވާ އަނދިރިކަން އެއީ ބްލެކް ހޯލްގެ ގޮތުގައި ވަނީ ސިފަކޮށްދެއްވައިފަ އެވެ.

ހޯކިންގެ އުމުރުފުޅުން 22 އަހަރުގައި، 1964 ވަނަ އަހަރު ކުރިމަތިވި މޮޓޯ ނިއުރޯން ބަލީގައި ޑޮކްޓަރުން ދެއްވީ ދުނިޔޭގައި ހުންނާނެކަމުގެ ދެ އަހަރުގެ އުއްމީދެކެވެ. އެކަމަކު ނުކުޅެދުންތެރިކަމުގެ ނާއުއްމީދު ހިތްވަރަށް ބަދަލުކޮށްލާ އެތައް އީޖާދެއް ކުރެއްވި އެވެ. ބަލިހާލަތު ބޮޑުވެ ހަރާކާތް ނުކުރެވުމުން ފުރޮޅުލީ ގޮނޑީގައި އިންނަވަން ޖެހިވަޑައިގަތެވެ. ހަށިގަނޑު ވާގިނެތި ވާހަކަ ނުދެއްކެވޭ ހާލަތަށް ދިއުމުން ޚާއްސަ އާލާތެއްގެ ޒަރީއާ އިން ލެގްޗާތައް ދެއްވި އެވެ.

ހޯކިން އުފަންވެވަޑައިގެންނެވީ ޖެނުއަރީ 8، 1942 ގަ އެވެ. މި ޒަމާނުގެ ސައެންސްގެ ބައްޕަ ގެލީލިއޯ ގެލިލެއި އަވަހާރަވިތާ 300 އަހަރު ފަހުންނެވެ. ހޯކިން އަވަހާރަވީ އަލްބާޓް އެއިންސްޓަންގެ 139 ވަނަ އުފަން ދުވަހު އެވެ.

ހޯކިންގެ އިލްމީ މަސައްކަތުން ޚާއްސަވި އެއް ދާއިރާއަކީ ކާއިނާތުގައިވާ އެންމެ ކުދިކުދި ޕާޓިކަލްސް ވެސް އުޅޭ ގޮތް ދެނެގަތުމަށް އިޖާދު ކުރެއްވި ކުއަންޓަމް ތިއަރީ އެވެ. ހޯކިން އެއް ދުވަސްވަރެއްގައި ވިދާޅުވެފައިވެ އެވެ. "އަހަރެންގެ އަމާޒު ވަރަށް ސާދާ އެވެ؛ ކާއިނާތުގެ ފުރިހަމަ ތަސައްވަރެއް ލިބިގަތުމެވެ."
ހޯކިން މިދިޔަ އަހަރު ވަނީ އެމަނިކުފާނުގެ އުމުރުފުޅުން 75 އަހަރު ވަންދެން ދުނިޔޭގައި ހުންނާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"އުމުރުން 21 އަހަރުގައި ބަލިވުމާ އެކު ވަނީ ދެ ތިން އަހަރު ތެރޭ މަރުވެދާނެ ކަމަށް ބުނެފައި. އެކަމަކު އޭގެ 54 އަހަރު ފަހުން ފުރޮޅުލީ ގޮނޑިއެއްގައި އިނދެ ނަމަވެސް މަސައްކަތްކޮށް، ސައެންސްގެ ކަރުދާސްތައް ތައްޔާރު ކުރަމުން މިދަނީ. މިއީ ވަރަށް ބޮޑު ގުރުބާނީއެއް،" ޕްރޮފެސާ ހޯކިން ވިދާޅުވި އެވެ.
ހޯކިން ފުރަތަމަ ކައިވެނި ބައްލަވައިގެންނެވީ 1965 ވަނަ އަހަރު ޖޭން ވިލްޑެ އަށެވެ. އެ ކައިވެންޏަށް ތިން ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އެކަމަކު އޭގެ 25 އަހަރު ފަހުން ދެ ބޭފުޅުން ވަކިވެވަޑައިގެންނެވި އެވެ. ހޯކިން ފަހުން ވަނީ އޭނާގެ ކުރީގެ ނަރުސް އެލައިން މޭސަންއާ ކައިވެނި ބައްލަވައިގެންފަ އެވެ.
ހޯކިން ވަނީ އިނގިރޭސި ވިލާތުގެ އެންމެ ޝަރަފްވެރި ސައެންޓިފިކް ޖަމާއަތް ކަމަށްވާ ރޯޔަލް ސޮސައިޓީގެ އެންމެ ޒުވާން މެންބަރުކަން އުމުރުފުޅުން 32 އަހަރުގައި ހޯއްދަވައިފަ އެވެ. އޭގެ ފަހުން 1979 ވަނަ އަހަރު ހޯކިން ވަނީ ކެމްބްރިޖް ޔުނިވާސިޓީގެ ހިސާބު އިލްމުގެ ޕްރޮފެސަރަކަށް ވެވަޑައިގެންފަ އެވެ. ހޯކިން ދެން ބަދަލުވެވަޑައިގެންނެވީ ތިއޮރެޓިކަލް އެސްޓްރޮނޮމީ އާއި ކޮސްމޮލޮޖީ ކިޔަވާ ވިދާޅުވުމަށް އޮކްސްފޯޑް ޔުނިވާސިޓީއަށެވެ.
"ޕްރޮޕަޓީސް އޮފް އެކްސްޕޭންޑިން ޔުނިވާސަސް"ގެ ނަމުގައި ޕީއެޗްޑީ ތީސިސް ހޯކިން ލިޔުއްވީ އުމުރުފުޅުން 24 އަހަރުގަ އެވެ. އޭރު އެއީ ކޭމްބްރިޖުގެ ޓްރިނިޓީ ހޯލްގެ ޕޯސްޓްގްރެޖުއޭޓް ދަރިވަރެކެވެ. އޭގެ ފަހުން 1962 ވަނަ އަހަރުން ފެށިގެން ކެމްބްރިޖް ޔުނިވާސީގައި ވަނީ ވަރުގަދަ ސައެންޓިފިކް މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
- އުފަންވެ ވަޑައިގެންނެވީ: ޖެނުއަރީ 8، 1942 ގައި އިންގްލެންޑުގެ އޮކްސްފޯޑުގައި
- އޮކްސްފޯޑް ޔުނިވާސިޓީގައި ނެޗަރަލް ސައެންސް އިން ކިޔަވާ ވިދާޅުވުމުގެ ފުރުސަތު 1959 ގައި ލިބިވަޑައިގެންނެވި
- މޮޓޯ ނިއުރޯން ބަލި ޖެހިފައިވާކަން 1963 ވަނަ އަހަރު ދެނެގަނެވުނު
- "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް" 1988 ވަނަ އަހަރު ޝާއިއުކުރި. 10 މިލިއަން ކޮޕީ ވަނީ ވިކިފައި.
- ހޯކިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް 2014 ވަނަ އަހަރު ވަނީ "އަ ތިއަރީ އޮފް އެވްރީތިން" ނެރެފައި.