ޔޫސޭގެ ސިޔާސީ އާ ޖޯކުތަކެއް!
ޔޫސޭގެ ސިޔާސީ އާ ޖޯކުތަކެއް!

މީގެ 37 އަހަރު ކުރިން އުފައްދަން ފެށި "ދިރިއުޅުމަކީ މިއީ" އިން ސިޔާސީ އަދި އިޖުތިމާއީ މައްސަލަތަކަށް މީހުން ހޭލުންތެރި ކުރަން ފެށި، ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) އަނެއްކާވެސް ތަފާތު ގޮތަކަށް ފެންނަން ފަށައިފި އެވެ. މިފަހަރު ސޯޝަލް މީޑިއާއިންނެވެ. މަޖާކޮށް، ފާޑު ކިޔަމުން އަންނަނީ މިހާރުގެ ސިޔާސީ މަސްރަހަށެވެ.

މިދިޔަ ފެބްރުއަރީ މަހު އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހު ހެއްވާލީ އެ މަހު އަށް ވަނަ ދުވަހު ޔޫސޭ ގެނެސްދިން ވީޑިއޯއަކުންނެވެ. އެ ވީޑިއޯގައި ޔޫސޭ އުޅެނީ މީހަކު ފޯނު ނުނަގައިގެންނެވެ. އެއަށްފަހު ދެން ބުނަނީ "ޑިއު ޕްރޮސެސް"ގެ ދަށުން ކަންކަން ކުރަމުން އަންނަ ކަމަށެވެ.

އެ ޖޯކު ޖަހަނީ ސުޕްރީމް ކޯޓުން ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ މީހަކު މިނިވަން ކުރުމަށް ކުރި އަމުރު ތަންފީޒު ކުރާނެ ކަމަށް ވިދާޅުވި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް، ރައީސް އަބްދުﷲ ޔާމީން ގުޅުއްވުމުން ފޯން ނުނަންގަވާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި ވިދާޅުވުށާއި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ކަންކަން "ޑިއު ޕްރޮސެސް" ގެ ދަށުން ކުރިއަށް ގެންދާ ކަމަށް ވިދާޅުވި ވިދާޅުވުމަށް ކަމަށް ބެލެވެ އެވެ.

ޔޫސޭ ގެނެސްދިން އަނެއް ވީޑިއޯގައި އޭނާ އުޅެނީ ގޮޅިއެއްގެ ތެރޭގަ އެވެ. އޭނާ ދައްކައިދެނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ހާލެވެ.

"އެ މީހުން ބަލައެއް ނުލައޭ އަހަރެންގެ އުމުރުން ވީވަރު ވެސް... އަނެއްކާ އިރުއިރުކޮޅާ އަރާފަ އެބަ ބުނޭ ކިތާބީ ހެކި ވެސް ފެނިއްޖެއޭ. ހެކި ފެނިގެން ވެސް ވެއްޖެއެއްނު ކުރާ ހުކުމެއް ކުރަން،" ޔޫސޭ ބުނެ އެވެ.

ގޮޅި ސާފް ކުރުމަށްފަހު އައްޓެއްގެ މަތީގައި އޮވެ ނިދާ މަންޒަރު އޭނާ ދައްކައިދެ އެވެ.

ދެން ކުޅެފައިވާ ވީޑިއޯގައި އޭނާ މަސައްކަތް ކުރަނީ "ބްލެކް ބޮކްސް" އެއް ހޯދުމަށެވެ. އެ ފޮށީގައި ގިނަ އަދަދެއްގެ ފައިސާ ހުންނާނެ ކަމަށް ބުނެ އެވެ.

މިފަހަރުގެ ޖޯކް ފުލުހުންނަށެވެ. ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންނާ ގުޅުން ހުރި ކަމަށް ބުނާ ކަޅު ފޮއްޓެއް ފުލުހުންނަށް ފެނުނު ކަމަށް ފުލުހުން ބުނި ބުނުމަށް ޖޯކް ޖެހީ އެވެ.

ދެން އޭނާ ޖޯކް ޖެހީ ޕީޕީއެމްގެ އިސް ފަރާތަކުން ޓިނުތަކެއް ވަގަށް ނެގިކަމަށް ބުނާ މައްސަލާގައި އަރުވާލި މައްސަލައަށެވެ. އެ ވީޑިއޯގައި ޔޫސޭ އުޅެނީ ޓިނު ވިއްކާށެވެ.

ރައްޔިތުން މަޖިލީހުގެ މާލޭގެ މެމްބަރުކަން 1988 ވަނަ އަހަރު ކުރައްވާފައިވާ ޔޫސޭ ވިދާޅުވީ އޭނާ ސިޔާސީ ވާން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށާއި އޭނާގެ މަގުސަދަކީ އެކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމަށް ގައްދާރުވެ ގައުމު ބަނޑަށް ޖައްސާ އޮޅުވާލުންތަކެއްގެ ތެރެއިން ކަން ކުރާ މީހުންނާ ދެކޮޅަށް މަސައްކަތް ކުރާނަން. ފާޑުމިކިޔަނީ ހެއްކާ އެކީ،" ޔޫސޭ ވިދާޅުވި އެވެ.

ޔޫސޭ ހުރީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސަރުކާރުން ހިންގާ ކަންކަމަށް މީހުން ހޭލުންތެރި ކުރުމަށް އޭނާގެ ސްޓައިލުގައި މަސައްކަތް ކުރަން ތައްޔާރަށެވެ. އަދަބެއް ދީފާނެތީ ބިރު ނުގަންނަ ކަމަށް ބުންޏެވެ.