16 މާޗް 2018 - 06:50

އާންމުކޮށް ތާރީހީ ހާދިސާތަކަށް ފިލްމް ހަދަން މަޝްހޫރު ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާ އަނެއްކާ ވެސް ހަމަ ވަރުގަދަ ތާރީހީ ފިލްމެއް ބެލުންތެރިންނަށް ގެނެސް ދޭން ނިންމައިފި އެވެ.
މި ފަހަރުގެ ފިލްމަކީ "ޕަނިޕަޓް" އެވެ. ފިލްމްގެ ކާސްޓުންނަކީ ސަންޖޭ ދަތާއި އަރުޖުން ކަޕޫރާއި ކިރިތީ ސެނަން އެވެ. މި ފިލްމްވެގެން ދާނީ އަރުޖުން އާއި ކިރިތީ ފިލްމަކުން އެކީގައި ފެންނާނެ ފުރަތަމަ ފަހަރަށެވެ. އެކަމަކު އެ ދެ ތަރިން ސޮއިކޮށް އަދި މަސައްކަތް ނުފެށި އޮތް އެހެން ފިލްމެއް ވެސް އެބަ އޮތެވެ. އެއީ ރާޖް އެންޑް ޑީކޭގެ "ފަރްޒީ" އެވެ.
"ޕަނިޕަޓް" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާ އިރު، ފިލްމްގެ ފުރަތަމަ ޕޯސްޓަރު މަޝްހޫރު ފިލްމް ކްރިޓިކް ތަރަން އަދާޝް ވަނީ ޓްވީޓްކޮށްފަ އެވެ. އޭގައި ބުނާ ގޮތުން ފިލްމް ސިނަމާތަކަށް އަންނާނީ ޑިސެމްބަރު، 6، 2019 ގަ އެވެ.
"ލަގާން" އާއި "ޖޯދާ އަކްބަރު" ފަދަ ކާމިޔާބު ފިލްމްތައް ގެނެސް ދިން އަޝުތޯޝް އެންމެ ފަހުން ގެނެސް ދިނީ ރިތިކް ރޯޝަނާއި ޕޫޖާ ހެގްޅޭ ލީޑް ރޯލް ކުޅުނު 2016 ގެ ފިލްމް "މޮހެންޖޮ ދާރޯ" އެވެ. އިންޑަސް ވެލީ ސިވިލައިޒޭޝަންގެ މައްޗަށް ހެދި އެ ފިލްމަކީ ބޮޑު ފްލޮޕެކެވެ. އޭގެ ކުރިން އޭނާ ގެނެސް ދިން ދީޕިކާ ޕަދްކޯނާއި އަބިޝެކް ބައްޗަންގެ ފިލްމް ކޭލޭ ހޭ ހަމް ޖީ ޖާން ސޭ (2010) އަކީ ވެސް ބެލުންތެރިންނަށް ކަމުދިޔަ ފިލްމެއް ނޫނެވެ.
އަޝުތޯޝް މި ފަހުން ހެދި ފިލްމްތައް ޕްލޮޕްވެފައި ވިޔަސް އޭނާއަކީ އިންޑިއާގެ އެންމެ މޮޅު ޑައިރެކްޓަރުންގެ ތެރެއިން އެކެކެވެ.