14 މާޗް 2018 - 08:55

ލަންޑަން (މާޗް 14) - ދުނިޔޭގައި މިފަހަކަށް އައިސް އުފެދުނު އެންމެ މޮޅު ފިޒިސިސްޓް ސްޓީވަން ހޯކިން އަވަހާރަވެއްޖެ އެވެ. އޭނާގެ އުމުރަކީ 76 އަހަރެވެ.

ވަރަށް ޒުވާން އިރު ޖެހުނު ބައްޔެއްގެ ސަބަބުން ގޮނޑީގައި އިންނަވައިގެން ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވި ހޯކިން، ފިޒިކްސް އާއި ހިސާބު އިލްމުގެ ދާއިރާ އިން ހެއްދެވި ގިނަ ދިރާސާތަކަށް އިލްމީ ދުނިޔޭގެ ވަރަށް ބޮޑު ތައުރީފަކާއި އަގުވަޒަންކުރުންތަކެއް ލިބުނެވެ. އަދި އޭނާ ލިއުއްވި "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް" އަކީ، ކާއިނާތުގެ ސިއްރުތައް އެންމެ އާދައިގެ މީހާއަށް ވެސް ވިސްނޭހާ ތިލަކޮށް ތައްޔާރުކުރެއްވި ފޮތެކެވެ.

މޮޓޯ ނިއުރޯން ބަލި ޖެހިފައިވާކަން 1963 ގައި އެނގުމުން، ޑޮކްޓަރުން އޭނާ ގާތު ބުނީ ދުނިޔޭގައި ހުންނެވޭނީ ދެ އަހަރު ކަމަށެވެ. އެކަމަކު އެ ބުނުންތަކަށް ފަރުވާލެއް ނުބަހައްޓަވާ އޭނާ ކެމްބްރިޖް ޔުނިވަސިޓީއާ ގުޅިވަޑައިގެން އިލްމީ ގޮތުން ބޮޑެތި ކާމިޔާބުތައް ހޯއްދެވި އެވެ.
ހޯކިން އަކީ، ގިނަ ސައިންސްވެރިން އެއްބަސްވާ ގޮތުގައި، އަލްބަޓް އެއިންސްޓެއިން އަށް ފަހު ދުނިޔެ ދުށް އެންމެ ވިސްނުން ތޫނު އެއް ސައިންސްވެރިޔާ އެވެ.
ހޯކިންގެ ތިން ބޭފުޅުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ "އަޅުގަނޑުމެންގެ ލޮބުވެތި ބައްޕަ މިއަދު އަވަހާރަވެއްޖެ" ކަމަށެވެ. އަދި "ބައްޕަގެ ހިތްވަރާއި ތޫނު ވިސްނުމުގެ ސަބަބުން ދުނިޔޭގެ އެތައް ބައެއްގެ ރޫހު އާލާކޮށްފައިވާ" ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ހޯކިން އަވަހާރަވީ ކެމްބްރިޖްގައި ހުންނަ އޭނާގެ ގެކޮޅުގަ އެވެ.
ހޯކިންގެ ވާހަކަ ދެއްކެވުމުގެ ގާބިލްކަން ކެނޑެމުން ދިއުމާ އެކު ދައްކަވާ ވާހަކަތައް ސާފުނުވާތީ ސައިންސްވެރިން ވަނީ އޭނާއަށް ހާއްސަކޮށްގެން ބައެއް އާލާތްތައް އީޖާދުކޮށްފަ އެވެ. އޭގެ ސަބަބުން އޭނާގެ ލެކްޗާތަކަށް ހުއްޓުމެއް ނެތި ކުރިއަށް ދިޔަ އެވެ.
ދިރާސާތައް ހެއްދެވުމުގައި ހޯކިން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ދާއިރާ އަކީ ބްލެކް ހޯލް އެވެ. ކާއިނާތުގައި ހިމެނޭ މި ސަރަހައްދުގެ ދަމާބާރު ގަދަކަމުން އަލި ވެސް އޭގެ ތެރެއަށް ދަމައިގަނެ އެވެ. އެހެންކަމުން ބިޔަ ސަރަހައްދު އޮންނަނީ އަނދިރިކޮށެވެ.
ބްލެކް ހޯލް އުފެދޭ ގޮތާއި އެ ސަރަހައްދުގައި ކަންކަން ހިނގާނެ ގޮތުގެ ގިނަ ތިއަރީތަކެއް ހޯކިން އާއި އޭނާގެ އެކުވެރި ސައިންސްވެރިން އީޖާދުކުރެއްވި އެވެ. އަދި 1988 ގައި އޭނާ ލިއުއްވި "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް"ގައި ހިމެނުއްވި ބައެއް މައުލޫމާތު އިސްލާހުކޮށް، ފަހުގެ ހޯދުންތަކުގެ މައްޗަށް ބިނާކުރައްވައި އެ ފޮތަށް ބަދަލު ގެންނެވި އެވެ.
ބްލެކް ހޯލްގެ ދިރާސާތަކުގައި ހޯކިން ހޯއްދެވި އެއް ހަރަކާތުގެ ނަމަށް ފަހުން ސައިންސްވެރިން ވަނީ "ހޯކިން ރޭޑިއަންޝަން"ގެ ގޮތަށް މަޝްހޫރުކޮށްފަ އެވެ. އެ ހޯދުމުން އެނގުނީ ބްލެކް ހޯލުން ހަކަތަ ލީކްވެ، ގެއްލޭ ކަމަށެވެ. އެހެންކަމުން ބްލެކް ހޯލްގެ އެ ހަރަކާތަށް "ހޯކިން ރޭޑިއޭޝަން"ގެ ނަމުން ނަން ދިނީ އެވެ.
ޔުނިވަސިޓީ އޮފް މެންޗެސްޓާގެ ޕްރޮފެސަރު ބްރިއަން ކޮކްސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ސާސްކަފުގައި ވެސް ހޯކިން ރޭޑިއޭޝަނާ މެދު ވާހަކަ ދައްކާނެ ސައިންސްވެރިން އުޅޭނެ އެވެ. އަދި ބްލެކް ހޯލާ މެދު ހޯކިން ހެއްދެވި ދިރާސާތަކުގެ ނަތީޖާ ބޭނުން ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"އެންމެ މަދުވެގެން ވެސް ތިން ދާއިރާއަކުން އޭނާގެ މަސައްކަތްތައް އަބަދުވެސް ހަނދާން ހުންނާނެ. ސައިންސްވެރިޔަކާ މެދު މީހަކަށް ކުރެވޭނެ އެންމެ ރަނގަޅު އުއްމީދަކީ އެއީ،" ކޮކްސް ވިދާޅުވި އެވެ.