18 ޖުލައި 2016 - 11:15

ކާޑިފް، ވޭލްސް (ޖުލައި 18) - ލިވަޕޫލްގެ ވޭލްސް މިޑްފީލްޑަރު ޖޯ އެލަން ގެންނަން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެލަން އަކީ ލިވަޕޫލްގެ ކޯޗުކަމާ 2012 ވަނަ އަހަރު ބްރެންޑަން ރޮޖާސް ހަވާލުވުމަށް ފަހު ގަތް ކުޅުންތެރިއެކެވެ. ލިވަޕޫލުން އެލަަން ގަތީ ސްވަންސީ ސިޓީ އަށް 15 މިލިއަން ޕައުންޑް ދިނުމަށް ފަހު އެވެ.
ލިވަޕޫލްގެ ކޯޗުކަމާ މިދިޔަ އޮކްޓޫބަރު މަހު ޔާގަން ކްލޮޕް ހަވާލުވި ފަހުން އެލަން އަށް ފުރުސަތު ލިބެނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ވޭލްސް ޖާގަހޯދިއިރު އެލަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ތެރެއިން އެލަން ވަނީ ޖާގަ ހޯދައިފަ އެވެ.
ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަންނަނީ އެ ޓީމުގެ މެދުތެރެއަށް އިތުރު ކުޅުންތެރިއަކު ގެންނަން މަސައްކަތް ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން ވަނީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ހުއަން މަޓާ އާއި ބަސްޓިއަން ޝްވައިންސްޓައިގާ ހިމެނެ އެވެ.
ލިވަޕޫލުން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެލަން ވިއްކާލަން ނިންމައިފަ އެވެ. އެކަމު ޔޫރޯގައި އެލަން ދެއްކި މޮޅު ކުޅުމާ އެކު ލިވަޕޫލުން ވަނީ އެލަން އަށް އާ އެއްބަސްވުމެއް ހުށަހަޅަން ނިންމައިފަ އެވެ. އުމުރުން 26 އަހަރުގެ އެލަން ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ.
ލިވަޕޫލް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ފަހުން ކުޅުންތެރިއަކު ބަދަލުވީ 1938 ވަނަ އަހަރު އެވެ.