އީޝާ ޑިިއޯލް އަނެއްކާ ވެސް އެކްޓިންގެ ތެރެއަށް، އެކަމަކު ކުރު ފިލްމަކުން
އީޝާ ޑިިއޯލް އަނެއްކާ ވެސް އެކްޓިންގެ ތެރެއަށް، އެކަމަކު ކުރު ފިލްމަކުން

ބައްޕަ ދަރްމެންދުރާ އާއި މަންމަ ހެމާ މާލިނީއަކީ ކިތަންމެ ވަރުގަދަ ދެ ތަރިންނަށް ވިޔަސް އީޝާ ޑިއޯލްއަކީ ބޮލީވުޑަށް ނުކުމެ، މާ ރަނގަޅު ހިސާބަކަށް ދެވުނު ބަތަލާއެއް ނޫނެވެ. ކުޅޭނެ ފިލްމެއް ނުލިބިގެން، ބޮޑު ސްކްރީނާ ދުރަށް ދާން ޖެހުނު މި ބަތަލާ ކައިވެނިކޮށް ދާދި ފަހުން ދަރިއަކު ވެސް ލިބިފައި ވަނިކޮށް އަނެއްކާ ވެސް ވަނީ އެކްޓިންގެ ތެރެއަށް ނުކުންނަން ތައްޔާރުވާން ފަށައިފަ އެވެ.

އެކަމަކު މި ފަހަރު ކުރު ފިލްމަކުންނެވެ. މި ފިލްމަކީ ދާދި ފަހުން ނެރުނު ހެމާގެ ބައޮގްރަފީ "ޑްރީމް ގާލް" ލިޔުނު ރާމް ކަމަލް މުކަރްޖީ ލިޔެ، ޑައިރެކްޓް ކުރާ "ކޭކްވޯލްކް" ކިޔާ ކުރު ފިލްމެކެވެ. ފިލްމްގައި އީޝާ ފެނިގެން ދާނީ ޝެފެއްގެ ރޯލުންނެވެ.

"ކޭކްވޯލްކް" އާ ބެހޭ ގޮތުން އީޝާ، 36، ބުނީ މި ފިލްމް ހެދުމުގެ ހިޔާލު އައީ، "ޑްރީމް ގާލް" ގެ މަސައްކަތް ކުރި ދުވަސްވަރު، ރާމް އޭނާއާ ކުރި އިންޓަވިއުއެއްގެ ތެރެއިންނެވެ.

"ރާމް އަހަންނާ ކުރި އިންޓަވިއުގެ ތެރެއިން އައި ހިޔާލަކަށް މީތި މި ހަދަނީ. އަހަރެން ވެސް ވަރަށް ބޭނުންވެފައި ހުރީ ކޮންމެވެސް ދުވަހަކު މި ފިލްމް ހަދަން،" 2012 ގައި ކައިވެނިކުރި ބަތަލާ ބުންޏެވެ.

އެސޯޓެޑް މޯޝަން ޕިކްޗާޒް އާއި އެސްއެސް ވަން އެންޓަޓައިންމަންޓް ގުޅިގެން އުފައްދާ "ކޭކްވޯލްކް" ގައި އީޝާއާ އެކު ބަތަލެއްގެ ގޮތުގައި ފެނިގެން ދާނީ ޒީޓީވީން ގެނެސް ދިން ސިލްސިލާ "ޖާންބާޒް ސިންދްބާދް" ގެ ވިލަންގެ ރޯލް ކުޅުނު ތަރުން މަލްއުތުރާ އެވެ. އޭނާއަކީ ވަރަށް ގިނަ ޓީވީ ކޮމާޝަލްތައް ވެސް ކުޅެފައިވާ އެކްޓަރެކެވެ.

"ކޭކްވޯލްކް" ބެލުންތެރިންނަށް ގެނެސް ދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ކޮއި މެރޭ ދިލް ސޭ ޕޫޗޭ" އިން 2002 ގައި ބޮލީވުޑަށް ނުކުތް ބަތަލާ އެންމެ ފަހުން ކުޅުނު ފިލްމަކީ މަންމަ ހެމާ ޑައިރެކްޓް ކުރި ޓެލް މީ އޯ ޙުދާ (2011) އެވެ. އީޝާގެ ކެރިއަރުގައި ކުޅުނު ފިލްމްތަކުގެ ތެރެއިން ކިރިޔާ ވެސް ބެލުންތެރިން ހަނދާން ހުންނަ ފިލްމަކީ ދޫމް (2004) އެވެ.

ކައިވެނި ކުރި ފަހުން އީޝާ ވަނީ އެމްޓީވީގެ ރިއަލިޓީ ޝޯ "ރޯޑީޒް" ގެ 2015 ގެ ސީޒަންގައި މެންޓޯއެއްގެ ގޮތުގައި ވެސް ފެނިފަ އެވެ. އެކަމަކު އެ ސީޒަންގައި ވެސް އޭނާގެ ލޮނުމަޑުކަމުން އިތުރު ސީޒަނަކުން ފުރުސަތެއް ލިބޭ ގޮތެއް ނުވި އެވެ.

ހަތަރު ފިރިހެން މެންޓޯ އިން ހިމެނޭ "ރޯޑީޒް" ގެ އަންހެން މެންޓޯއަކީ މިހާރު ބަތަލާ ނީހާ ދޫޕިއާ އެވެ.