ކުލަ
ކުލަ

އާދިއްތަ ދުވަހާ ގުޅޭ

ދީމާއަށް ވިސްނައިދޭން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ދެ ފަރާތުގެ ޢާއިލާއިން ވެސް މަސައްކަތްތަކެއް ކުރިއެވެ. ދީމާ ކުޑަ ވެސް ދުލެއް ނުދިނެވެ.

އަހަރުމެންގެ ކައިވެނި ރޫޅުނެވެ. ދަރިފުޅު ގެންދާކަށް ދީމާ ބޭނުމެއް ނޫނެވެ. ސަބަބެއްކަމަށް ދީމާ ބުނީ ތަނަވަސްކަން ނެތުމެވެ. އަސްލު ސަބަބަކީ މައިމީހާގެ ހިތުގައި އޮންނަންޖެހޭ ވަރަށް ކުލުނު ނެތުމެވެ. ދަރިފުޅަށް ވުރެ ބޮޑަށް ދީމާއަށް މިނިވަންކަން މުހިންމު ވުމެވެ. އަހަރެން ހިތަށްއެރިއެވެ. ވީ ގޮތް ރަނގަޅެވެ. ދީމާއަށް ވުރެ އަހަންނާއި އަހަރެންގެ މަންމަގެ ތަރުބިއްޔަތު މާ ރަނގަޅުވާނެއެވެ. އަހަރެން އޮފީހުން ޗުއްޓީ ނަގައިގެން ދަރިފުޅު ގާތުގައި މަޑުކުރީމެވެ. ޗުއްޓީ ހަމަ ނުވަނީސް މަންމަގެ ބަލި ރަނގަޅުވިއެވެ. އެކަމަކު ޗުއްޓީ ނިމެންދެން އަހަރެން ގޭގައި ހުރީމެވެ.

އެއްދުވަހަކު ރަނގަބީލުޖަހާ އަޑު އިވިގެން އަހަރެން ގޮސް ދޮރު ހުޅުވީމެވެ. ދޮރުމަތީގައި ހުރީ އަހަރެންގެ މަންމަ އުމުރުގެ އަންހެނެކެވެ. ދަންނަ މީހެއް ނޫނެވެ. އޭނަ ވެސް އަހަރެންގެ މޫނަށް ބެލީ ބީރައްޓެހި ނަޒަރަކުންނެވެ.

"އަހަރެންގެ ނަމަކީ ރަޝީދާ،" އޭނަ ބުންޏެވެ. "ވާހަކައެއް ދައްކާލަން ވެގެން. އެތެރެއަށް ވަދެލިޔަސް ހެޔޮތަ؟"

ގޭގައި އެ ވަގުތު އުޅުނީ ދަރިފުޅާއި، މަންމައާއި، އަހަންނެވެ. މަންމަ އުޅުނީ ފާޚާނައިގައެވެ. އެހެންވިޔަސް އެ މީހާ އެތެރެއަށް ވަނުމަށް އަހަރެން ދަޢުވަތު ދިނީމެވެ. މުޅި ގޭތެރެއަށް ނަޒަރު ހިންގަމުން އައިސް ސޯފާގައި އެ މީހާ އިށީނދެލިއެވެ. ދަރިފުޅު ދެކޮޅަށް ދުވެދުވެފައި އުޅުނެވެ.

"މީ ކާކުގެ ދަރިއެއް؟" ރަޝީދާ ސުވާލުކުރިއެވެ.

ހެއްވާ ސުވާލެކެވެ. ކޮންމެ މީހެއްގެ ދަރިޔަކަށް ވިޔަސް އޭނައަށް ކީއް ހެއްޔެވެ؟ އެ ސުވާލަށް ޖަވާބުދޭކަށް އަހަންނަކަށް މަޖުބޫރެއް ނޫނެވެ.

"އަޅުގަނޑުގެ." އަހަރެން ބުނީމެވެ.

"ކޮބާ މި ކުއްޖާގެ މަންމަ؟" ރަޝީދާ ދެން ވެސް އެހީ ހެއްވާ ސުވާލެކެވެ.

"އޭނަ ވަރިވެގެން ހިނގައްޖެ!" އަހަރެން ބުނީމެވެ. "ކިހިނެއްތޯ ވީ؟"

ރަޝީދާ ދަބަހުން ފޯނު ނެގިއެވެ. އިރުކޮޅަކު ފޯނާ ކުޅުމަށް ފަހު އަހަންނަށް ފޯނު ދައްކައިލިއެވެ.

"މީތަ އެ ކުއްޖާގެ މަންމައަކީ؟" އޭނަ ސުވާލުކުރިއެވެ.

ރަޝީދާ ދެއްކީ ދީމާގެ ފޮޓޯއެކެވެ. އެ ފޮޓޯ ރަޝީދާއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

"ލައްބަ!" އަހަރެން ވަރަށް ހަމަޖެހިލައިފައި ބުނީމެވެ. "ކިހިނެއްތޯ ވީ؟"

"އަހަރެންގެ ދަރިފުޅާ އިންނަންވެގެން ދީމާ އުޅެނީ،" ރަޝީދާ ވަރަށް ސާބިތުކަމާ އެކުގައި ބުންޏެވެ. "އެކަމަކު ރައްޓެއްސަކު ބުނެފި ދީމާގެ ދަރިޔަކު މި ގޭގަ ހުންނާނޭ. އެހެންވެ ހަމަ ޔަގީންކޮށްލަން މި އައީ."

އަހަރެން ހިތަށްއެރިއެވެ. ދީމާ އެހެން ކައިވެންޏެއް ކުރުމަކީ މައްސަލައެއް ނޫނެވެ. އަހަންނަށް އެ ކަން ނޭންގުން އެއީ ވެސް މައްސަލައެއް ނޫނެވެ.

"މަޢުލޫމާތު ރަނގަޅު،" އަހަރެން ވެސް ސޯފާގައި އިށީންނަމުން ބުނީމެވެ. "ވަރަށް ޔަންގް އިރުގަ މެރީ ކުރީމަ އަޅުގަނޑުމެންނަށް ނޫޅެވުނީ. ދީމާއަކީ ވަރަށް ނައިސް ކުއްޖެއް. އެކަމަކު ޒިންމާނަގަން އޭރު ނޭނގުނީ. ދީމާއަކަށް ނެތް ކިޑެއް ބެލޭކަށް. އެހެންވެ ބުނީ މި ކޮޅުގަ ބަހައްޓާށޭ!"

އަހަރެން ދެއްކި ވާހަކަތައް ރަޝީދާ ވަރަށް ރަނގަޅަށް އަޑުއެހިއެވެ. އެކަމަކު ގަބޫލުކުރާ ފާޑެއް ނުޖަހައެވެ.

"ރަނގަޅު ކުއްޖެއްތަ މީ؟" ރަޝީދާ އެހިއެވެ. "އެއްޗެއް ބޯ ކުއްޖެއްތަ؟"

"ނޫން! އެ ކަހަލަ ފީކަޅާ ކަންތަކެއް ދީމާ ނުކުރާނެ،" އަހަރެން ބުނީމެވެ. "ހަމަ އެކަނި މައްސަލައަކީ ޔަންގްކަމުން އޭނައަށް ނުވިސްނޭކަން."

ވާހަކަ އެ ހިސާބަށް ދިޔަތަނާ ދަރިފުޅު އައިސް ރަޝީދާގެ އުނގަށް އެރިއެވެ.

"ލޯބިލޯބި ކުއްޖެއް ދޯ!" ދަރިފުޅުގެ ބޮލުގައި ފިރުމައިލައިފައި ރަޝީދާ ބުނެލިއެވެ.

އޭނަ ނުކުމެގެން ދިޔައެވެ. އަހަންނަށް އެ ކަން ވަރަށް މަޖާވިއެވެ. ހިތަށްއެރިއެވެ. ރަޝީދާ ބުނީ ތެދެއްބާއެވެ؟ ދީމާ އުޅެނީ އޭނަގެ ދަރިޔަކާ އިންނަންބާއެވެ؟ އެ ކަން ކަށަވަރު ކުރާނެ ގޮތެއް ވެސް އަހަންނަކަށް ނޭނގެއެވެ. ކޮންމެހެން އެ ކަމާ އަހަރެން އުޅުމުގެ ބޭނުމެއް ވެސް ނެތްމެއެވެ. ދީމާއަކީ މިނިވަނެކެވެ. އޭނަ އުޅޭނެ ގޮތެއް އެނގޭނީ އޭނަޔަށެވެ. ވަރަށް ގާތް ގުޅުމެއް އޮތް ނަމަ އަހަރެން ބުނީމުހެވެ. ދީމާއަށް ލިބެންއުޅެނީ ހާދަހާ ޝައްކު ކުރާ މައިދައިތައެކެވެ.

ފަހަކަށް އައިސް ދީމާއެއް އަހަންނަކަށް ނުގުޅައެވެ. ދަރިފުޅުގެ ހާލު ބަލައިލާނީ ވެސް ހާލަކުން ފަހަރަކުއެވެ. މުޅީން ވެސް ކުރާނީ މެސެޖެވެ. ރަޝީދާ ދިޔަތާ ދެތިން ގަޑިއިރު ނުވަނީސް ދީމާގެ ކޯލެއް އައެވެ. އަހަރެން ހިތަށްއެރިއެވެ. ކޮންމެވެސް ވަރުގަދަ ސަބަބެއް ނެތިއެއް ނުދާނެއެވެ.

"ކިހިނެއްވީ؟" ފޯނު ނަގައިފައި އަހަރެން ބުނީމެވެ.

"މަ ބޭނުން ދަރިފުޅު!" އެންމެ ފުރަތަމަ ވެސް ދީމާ ބުނީ އެހެންނެވެ.

"ކުއްލިއަކަށް ދަރިފުޅު ބޭނުންވީ ކީއްވެގެން؟" އަހަރެން ސުވާލުކުރީމެވެ.

"މަ ނުޖެހޭނެ ތި ސުވާލަށް ޖަވާބުދޭކަށް،" ދީމާ ދިނީ ރުންކުރު ޖަވާބެކެވެ. "މަގޭ ދަރިއެއް މަށަށް ގެންދެވޭނެ."

އަހަންނަށް އެނގެއެވެ. ދަރިފުޅު ކުޑަވެފައި، މަންމަ ބަލަން ހުރިއްޔާ ޖެހޭނީ ދަރިފުޅު ދޭށެވެ. އޭރުން ދަރިފުޅު ބޮޑުވާނީ ކޮންފަދަ މާޙައުލެއްގައި ހެއްޔެވެ؟ އަހަރެން ޚަރަދު ދިނަސް، ދަރިފުޅަށް ތަރުބިއްޔަތު ދޭނީ ކާކު ހެއްޔެވެ؟

"ދީމާއަކަށް ނުބެލޭނެ،" އަހަރެން ބުނީމެވެ. "މާ ރަނގަޅުވާނެ މި ކޮޅުގަ ބެހެއްޓިއްޔާ! ދީމާ ބޭނުން އިރަކު އައިސް މީޓު ކުރެވޭނެ. ނޫނީ އިހަށް ޓެސްޓުކޮށްލަން ދުވަސްކޮޅަކަށް ގެންދަންވީނު."

"މަ ބޭނުމީ އެއްކޮށް ގެންދަން،" ދީމާ ކުރެއް ނުކުރިއެވެ. "ނުދީފިއްޔާ ދެން ދާނީ ކޯޓަށް."

އަހަރެން ފޯނު ކަނޑައިލީމެވެ. ދަރިފުޅު ގެންދިޔަދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ކުރެވޭނެ ކަމެއް ނެތެވެ. ކާމިޔާބުވާނީ ދީމާއަށްކަން އަހަންނަށް ކަށަވަރެވެ. ވީ ވެސް އެހެންނެވެ. ކޯޓުން އެންގީ ދީމާއަށް ކުއްޖާ ދޭށެވެ. އެ ދުވަސްވަރު ދީމާގެ އެފްބީގެ ހާލަތު ވަގުތުންވަގުތަށް އަދާހަމަ ވަމުންދިޔައެވެ. ދީމާ ދަރިފުޅު ދެކެ ލޯބިވާ ވާހަކައާއި، ދަރިފުޅު ހަނދާންވާ ވަރުން ނުނިދޭ ވާހަކައެވެ. ދަރިފުޅަށް އިންތިޒާރުކުރާ ވާހަކައާއި، ކެތްތެރިކަން ކުޑަވާ ވާހަކައެވެ. އެތައް ބަޔެއްގެ ހަމްދަރުދީ ދީމާއަށް ލިބުނެވެ. އަހަންނަކީ ކުށްވެރިޔަކަށް ހަދައި ދީމާއަށް ރައްޓެހީންނާއި ބީރައްޓެހީން ހެޔޮ ދުޢާ ކުރިއެވެ.

ކޯޓަށް ފުރަތަމަ ދިޔަ ދުވަހު ދީމާ ބޭނުންވި ކަންތައް ކޮށްދިނީމެވެ. ދަރިފުޅު ބަލާއައުމަށް ބުނެފައި އަހަރެން އައީ ގެއަށެވެ. ވަރަށް ދެރަވި ވަގުތެކެވެ. ދަރިފުޅުގެ ސާމާނުތައް ތައްޔާރު ކޮށްލައިފައި، ފަހު ފަހަރަށް ދަރިފުޅު އުރައިލައިފައި މަންމަޔާ ހަވާލުކޮށްފައި އަހަރެން ދިޔައީ އޮފީހަށެވެ. ދަރިފުޅު ގެންދާ މަންޒަރު ނުބަލަން ވެގެންނެވެ. އޮފީހަށް ދިޔަކަސް މަސައްކަތެއް ނުކުރެވެއެވެ. ދަރިފުޅުގެ ތަސްވީރު އަހަރެންގެ ލޯމައްޗަކުން ނުގެއްލެއެވެ. ރޮވޭކަމެއް ނޭނގެއެވެ. އިރުކޮޅަކުން ލޯ ހުންނަނީ ފުސްވެފައެވެ. ދެތިން ގަޑިއިރު ވެއަތުވިއިރު ވެސް ދަރިފުޅު ބަލައެއް ނާދެއެވެ. ދީމާ ނުވެސް ގުޅައެވެ. މަންމަ އެ ވާހަކަ ބުނުމުން އަހަރެން ދީމާއަށް ފޯނުކުރީމެވެ. ފޯނެއް ނުނެގިއެވެ. މެސެޖަކަށް ޖަވާބެއް ނުދިނެވެ. ދަންވަރު ބާރަޖެހިއިރު ވެސް ދީމާގެ ޚަބަރެއް ނުވިއެވެ.

ޖެހިގެން އައި ދުވަހަށް އިރުއެރިއެވެ. އެއް ހަފުތާވިއެވެ. އެއް މަސް ވިއެވެ. ދީމާއެއް ނުގުޅައެވެ. އަހަރެން ގުޅީމައި ފޯނު ކަނޑައިލަނީއެވެ. ދެން އަންނަ މެސެޖުގައި އޮންނަނީ "ބިޒީ" އެވެ. ވީގޮތް އަހަންނަކަށް ނޭނގުނެވެ. ދަރިފުޅު ބޭނުން ނޫނިއްޔާ ދީމާ ކޯޓަށް ދިޔައީ ކީއްކުރަން ހެއްޔެވެ؟ ދަރިފުޅު ބޭނުމިއްޔާ ދީމާ ބަލާ ނައީ ކީއްވެ ހެއްޔެވެ؟ އެ ކަމާ މަންމަ ވެސް ހުރީ ހައިރާންވެފައެވެ. ވީގޮތް އޮޅުންފިލުވަން އަހަރެން މަސައްކަތް ފެށީމެވެ. ފެންމަތިވީ އާ ކަމެއް ނޫނެވެ. ހައިރާން ވާންޖެހޭ ވަރުގެ ކަމެއް ވެސް ނޫނެވެ.

އަހަންނާ ބައްދަލުކުރީ، ޙަޤީޤަތުގައި ވެސް ދީމާގެ ވާންއުޅޭ މައިދައިތައެވެ. ދީމާއަށް ލިބުނު ދަރިފުޅު އަހަންނާ ހަވާލުކޮށްފައި ދަރިފުޅުގެ ހާލު ވެސް ބަލައިނުލާކަން ރަޝީދާއަށް އެނގުނީއެވެ. ދަރިންނާ އަޅާނުލާ އަންހެނަކާ ތިމާގެ ދަރިފުޅު ދެވަން ރަޝީދާ ބިރުގަތީއެވެ. އެ ހިސާބުން އެ ކަން ބޮޑު މައްސަލައަކަށް ވީއެވެ. ދީމާއަކީ ދަރިފުޅަށް އަޅާނުލާ މަންމައަކަށް ވެ، ރަޝީދާގެ ރުހުން ނުލިބުނީއެވެ. ތިމާއަކީ ލޯބިވާ މަންމައެއްކަން ސާބިތުކޮށްދޭން ދީމާއަށް ޖެހުނީއެވެ. ނެތް ކުލުނު ދައްކަން މަޖުބޫރުވީއެވެ. ދީމާ ކޯޓަށް ދިޔައީ ދަރިފުޅު ހޯދާކަށް ނޫނެވެ. ކަންދައްކާށެވެ. ފޭސްބުކްގައި އޭތިމީތި ލިޔުނީ މީހުންގެ ސަމާލުކަމާއި ހަމްދަރުދީ ހޯދާށެވެ. އޭނަ ހީކުރީ ދަރިފުޅު ދޭން އަހަރެން ދެކޮޅުހަދާނެ ކަމަށެވެ. ދީމާ ހުރީ ވަރުގަދަ ތަމްސީލެއް ކުޅެން ތައްޔާރުވެގެންނެވެ. އެކަމަކު ކަންތައް ހިނގައިދިޔައީ ދިމާ އިދިކޮޅަށެވެ. އެއް ފަހަރުން މައްސަލަ ނިމިއްޖެއެވެ. ދީމާ ކައިވެނި ކުރާނެކަން އަހަންނަށް ކަށަވަރެވެ. އެކަމަކު އެ ކައިވެނި ދެމިއޮންނާނީ ކިހާ ދުވަހަކު ހެއްޔެވެ؟ ސުވާލަކީ އެއީއެވެ.

ޙަޤީޤަތް ބަދަލެއް ނުވެއެވެ. ދަރިފުޅު ދެކެ ދީމާ ލޯތްބެއް ނުވެއެވެ. އެހެންކަމުން ދަރިފުޅު ބަލައެއް ދީމާއަކަށް ނާދެވުނެވެ. ނުވެސް އަންނާނެއެވެ. ދީމާގެ ކިބައިގައި މައިވަންތަ ލޯތްބެއް ނެތެވެ. ދީމާގެ މިޒާޖުގައި ހަރުދަނާކަމެއް ނެތެވެ. އެއީ އަންބެއްގެ މިޒާޖުގައި ހުރުން ކިހާ މުހިންމު ސިފައެއްކަމެއް ދީމާއަކަށް ނޭނގެއެވެ. ޚުދު އަހަންނަކަށް ވެސް ކުރިޔަކުން ނޭނގެއެވެ.

މައިންބަފައިން އަހަންނަށް ދީފައިވާ ތަރުބިއްޔަތު ރަނގަޅެވެ. ޒިންމާދާރު ކުރުވިއެވެ. އަތްފައިން މަސައްކަތް ކޮށްގެން ދިރިއުޅެން ދަސްކޮށްދިނެވެ. ކިޔެވުމާއި، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަން އަހަންނަށް ވަރަށް ރަނގަޅަށް ބުނެދިނެވެ. އެކަމަކު، ކައިވެނީގެ މަޤްޞަދު އޮޅުންފިލުވައެއް ނުދެވުނެވެ. އަންބަކު ހޯދަން އަހަންނަށް ދަސްކޮށްދީފައެއް ނެތެވެ. ސިފައަށް ވުރެ ބޮޑަށް މިޒާޖަށް ބަލަން ވިސްނައިދީފައެއް ނެތެވެ. އަހަރެންނަށް ރީތިވީ ކުލައެވެ. އަނދުނުގެ ކަޅުކުލައެވެ. ލިޕްސްޓިކުގެ ރަތްކުލައެވެ. އިސްތަށިގަނޑުގެ މުށިކުލައެވެ. ހަމުގެ ދޮންކުލައެވެ. ދަތްތަކުގެ ހުދު ކުލައެވެ. ކަޅީގެ އަޅިކުލައެވެ. ކުލަތައް ބަރާބަރަށް ދީމާ ދެމެހެއްޓިއެވެ. ހުރިހައި ކުލައެއް އަހަންނަށް ލިބުނެވެ. ނުލިބުނީ އުފަލެވެ. ހިތްހަމަޖެހުމެވެ. ދީމާ އެއްގޮތަކަށް ވެސް އަހަންނަކަށް އޮޅުވައެއްނުލައެވެ. އޮޅުނީ ވެސް އަހަންނަށެވެ. އަހަރެން ހީކުރީ އިމާރާތެއް ގެއަކަށް ބަދަލުކުރެވެނީ ފާރުތަކުގައި ލާ ކުލައިން ކަމަށެވެ. ނޫނެކެވެ. ގެއެއްގެ މުހިންމީ ބިންގަލެވެ. އަންބެއްގެ މުހިންމީ ހަރުދަނާކަމެވެ.

ނިމުނީ