13 މާޗް 2018 - 19:00

ގާޒާ (މާޗް 13) - ފަލަސްތީނުގެ ބޮޑު ވަޒީރު ރާމީ ހަމަދުﷲ ގާޒާ އަށް މިއަދު ދަތުރު ކުރެއްވި މޮޓޯކޭޑަށް އަމާޒުކޮށް ހަމަލާއެއް ދީފި އެވެ.
ބާރުގަދަ އެއްޗެއް ގޮއްވާލާފައި ވަނީ ހަމަދުﷲގެ މޮޓޯކޭޑް ގާޒާގައި އިޒްރޭލުގެ ބާރުގެ ދަށުގައި އޮންނަ އީޒަރު ޗެކް ޕޮއިންޓް ނުވަތަ ފަލަސްތީން މީހުން ކިޔާ ގޮތުން ނަމަ ބައިތު ހަނޫން ހުރަސްކުރިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. އެ ހަމަލާގައި ހަމަދުﷲ އަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ވަނީ ވޭސްޓް ވޯޓާ ޓްރީޓްމަންޓް ޕްލާންޓެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. މޮޓޯކޭޑަށް އަމާޒުކޮށް ދިން ހަމަލާގައި ފަސް މީހަކު ވަނީ ޒަޚަމްވެފަ އެވެ. އަދި ބައެއް ވެހިކަލްތަކަށް ގެއްލުން ލިބުނެވެ.
ހުޅަނގު އައްސޭރީގެ ސިޔާސީ ޕާޓީ އަދި ރައީސް މަހްމޫދު އައްބާސް ނިސްބަތްވެވަޑައިގަންނަވާ ފަތަހަ ޖަމާއަތުން ބުނެފައި ވަނީ އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. އަދި އެ ހަމަލާގެ ތުހުމަތު ފަތަހަ ޖަމާއަތުން އަޅުވަނީ ގާޒާގައި ވެރިކަން ހިންގާ ހަމާސްގެ ބޮލުގަ އެވެ.