މައިނާ ހޮޓެލްސްގެ ކޯސް 17 ދަރިވަރަކު ފުރިހަމަކޮށްފި
މައިނާ ހޮޓެލްސްގެ ކޯސް 17 ދަރިވަރަކު ފުރިހަމަކޮށްފި

އަނަންތަރާ ބްރޭންޑުގެ ރިސޯޓްތައް ހިންގާ ކުންފުނި "މައިނާ ހޮޓެލްސް އިންޓަނޭޝަނަލް" އިން ރާއްޖޭގައި ހޮސްޕިޓަލިޓީ ދާއިރާ އިން 17 ދަރިވަރަކު ތަމްރީންކޮށް، ސެޓްފިކެޓް ދީފި އެވެ.

މައިނާ ހޮޓެލްސްގެ ކޯސް 17 ދަރިވަރަކު ފުރިހަމަކޮށްފި
މައިނާ ހޮޓެލްސްގެ ކޯސް 17 ދަރިވަރަކު ފުރިހަމަކޮށްފި

މިދިޔަ އަހަރު އެ ކުންފުނިން ރާއްޖޭގައި ފެށި މި ކޯސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެވެ. މިއީ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހެކެވެ. ދަރިވަރުންނަށް ސެޓްފިކެޓް ދިނީ އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ހަފުލާއެއްގަ އެވެ.

އަނަންތަރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކޯހުގައި ހޮސްޕިޓަލިޓީ ދާއިރާގެ މައިގަނޑު ތިން ކަމެއް ދަރިވަރުންނަށް ދަސްކޮށްދިނެވެ. އެގޮތުން ފްރަންޓް އޮފީސް، ހައުސްކީޕިން، ކަލިނަރީ އަދި ސޮފްޓް ސްކިލް އެންޑް ޓްރެއިނިން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ކޯސްތައް މައިނާ ހޮޓެލްސުން ވިޔަފާރިކުރާ ގިނަ ގައުމުތަކުގައި ހިންގާ. ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ޓޫރިޒަމް ދާއިރާ އިން ރާއްޖެ އާއި ރާއްޖޭން ބޭރުން ވެސް ވަޒީފާ ހޯދަން ފަސޭހަވާނެ، މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ހުނަރުވެރި ޒުވާނުން އުފެއްދޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯހުގެ ބައިވެރިންނަށް މައިނާ ހޮޓެލްސް އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހޮޓާތަކާއި ރިސޯޓުތަކުން ވަޒީފާ ހޯދަން ފަސޭހަ ވާނެ ކަމަށެވެ. އެ ކުންފުނިން ރާއްޖޭގައި ހަތަރު ރިސޯޓު ހިންގާ އިރު ކުންފުނީގެ ހަ ބްރޭންޑް ދަށުން، 22 ގައުމެއްގައި 146 ހޮޓާ ހިންގަ އެވެ.

އޮފިޝަލް ވިދާޅުވީ މިހާރު ވެސް އެ ކުންފުނީގެ ހޮޓާތަކުގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް އެބަ ހުއްޓެވެ. އަދި ކޯހުގައި ބައިވެރިވި ދަރިވަރުންނަށް ވަޒީފާ ދިނުމުގައި އިސްކަން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޯހުގެ ބައިވެރިންގެ ތެރެއިން ހަ ދަރިވަރަކަށް މިހާރު ވެސް ވަނީ ވަޒީފާ ދީފަ އެވެ.

މި ކޯހުގެ މައިގަނޑު ބައިތަކުގެ އިތުރުން ތަފާތު ހުނަރުތައް ވެސް ދަރިވަރުންނަށް ދަސްކޮށްދިނެވެ. އެގޮތުން ރާޅާ އެޅުމާއި، ސެލްފް ޑިފެންސާއި ރާއްޖޭގެ ސަގާފީ އެކި ކަންކަން ހިމެނެ އެވެ.