"ޒޯޔާ ފެކްޓާ" ގައި ސޯނަމާ އެކު މަލަޔާޅަމް އެކްޓަރު ދަލްގޫރް ސަލްމާން
"ޒޯޔާ ފެކްޓާ" ގައި ސޯނަމާ އެކު މަލަޔާޅަމް އެކްޓަރު ދަލްގޫރް ސަލްމާން

އަނޫޖާ ޗޯހަން 2008 ގައި ނެރުނު ކާމިޔާބު ވާހަކަ "ޒޯޔާ ފެކްޓާ" ގެ ރައިޓްސް، ބަތަލާ ސޯނަމް ކަޕޫރް ގަނެފައިވާތާ މިހާރު ހަތަރު އަހަރެއްހާ ދުވަސް ވެދާނެ އެވެ. އެކަމަކު އެކިއެކި ސަބަބުތަކާ ހެދި އެ ވާހަކަ އޮތީ ބޮޑު ސްކްރީނުގައި ކިޔައި ނުދެ އެވެ.

ނަމަވެސް ދެން މާ ގިނަ ދުވަހުގެ އިންތިޒާރީއެއް ކުރާކަށް ނުޖެހޭނެ އެވެ. "ޒޯޔާ ފެކްޓާ" ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ރަސްމީކޮށް އިއުލާންކޮށް މިހާރު ވަނީ ފިލްމްގެ ލީޑް ތަރިން ވެސް އިއުލާންކޮށްފަ އެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯ އާއި އެޑްލެބްސް ފިލްމްސް ގުޅިގެން ގެނެސްދޭ "ޒޯޔާ ފެކްޓާ" ސިނަމާތަކަށް އަންނާނީ އެޕްރީލް، 5، 2019 ގަ އެވެ. ފިލްމްގެ ތަރިންނަކީ ސޯނަމް އާއި އިންޑިއާގެ މަލަޔާޅަމް ފިލްމްތަކުން މަޝްހޫރުކަން ހޯދާފައިވާ ޒުވާން އެކްޓަރު ދަލްގޫރް ސަލްމާނެވެ. މި ދެ ތަރިންނާ އެކު ފިލްމްގެ ފަސްޓްލުކް ވެސް ވަނީ ދައްކާލައިފަ އެވެ.

އެޑްވަޓައިޒިން އެޖެންސީއެއްގައި މަސައްކަތް ކުރާ ޒުވާން އަންހެން ކުއްޖަކު، ކްރިކެޓް ޓީމެއްގެ ނަސީބާ ގުޅިފައި އޮންނަ ގޮތް ޝައުގުވެރި ގޮތަކަށް ކިޔައިދޭ "ޒޯޔާ ފެކްޓާ" ގެ ޑައިރެކްޓަރަކީ "ތެރޭ ބިން ލާދިން" ގެ ޑައިރެކްޓަރު އަބިޝެކް ޝަރްމާ އެވެ.

"އަހަރެން މިހިރީ ކްރިކެޓްގެ ތެރެއިން އުފަންވާ ލޯބީގެ ވާހަކައެއް ކިޔައި ދޭން ފުރުސަތު ލިބުނީތީ ވަރަށް އުފަލުން. ވާހަކަ ގެނެސް ދީފައި އޮތް ފެންވަރަށް ފިލްމް ވެސް ގެނެސް ދޭން ވަރަށް މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.

މިދިޔަ މަހު ރިލީޒް ކުރި "ޕެޑްމޭން" އަށް ފަހު ސޯނަމް މިހާރު އަންނަނީ ބައްޕަ އަނިލް ކަޕޫރާ އެކު، ޝެލީ ޗޯޕްޅާގެ "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" ގެ މަސައްކަތް ކުރަމުންނެވެ. ދެން އޭނާ އެންމެ އަވަހަށް ފެނިގެން ދާނީ ޖޫން 1 ގައި ރިލީޒް ކުރާ "ވީރޭ ދީ ވެޑިން" އިންނެވެ. މީގެ އިތުރުން ޖުލައިގައި ރިލީޒް ކުރާ ސަންޖޭ ދަތުގެ ބައޮޕިކުން ވެސް ސޯނަމް ފެނިފެން ދާނެ އެވެ.

އަދިތިޔާ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅުނު މިދިޔަ އަހަރުގެ ފިލްމް "އޯކޭ ޖާނޫ" އަކީ ދަލްގޫރް، 31، ގެ އެންމެ ހިޓް އެއް ފިލްމް ކަމަށްވާ އޯކޭ ކަންމަނީ (2015) އަށް ބިނާކޮށް ހެދި ފިލްމެކެވެ. ދަލްގޫރްގެ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ސޯލޯ" އިންނެވެ.