13 މާޗް 2018 - 15:11

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނާ މެދު އަމަލުކުރަމުން ދާ ގޮތުން، މިއީ އަވައްޓެރި އިންޑިއާ އިސްވެ އޮވެ، ރާއްޖެއާ މެދު ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވަނީ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، މި ހާލަތުން އަރައިގަތުމަށް ބޭރުގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.
ޖަމީލް ވިދާޅުވީ ހާލަތު ބަދަލުކޮށް ޑިމޮކްރަސީ އިޔާދަކުރަން ބޭރުގެ އެހީ މުހިއްމު ކަމަށެވެ.
ރާއްޖޭގެ ދިފާއުގައި އިންޑިއާ އިން އަބަދުވެސް މަސައްކަތް ކުރާ ކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވި ގޮތުގައި މިފަހަރު އެ އެހީތެރިކަން އިންޑިއާގެ ފަރާތަކުން ނުފެނެ އެވެ. އެކަމަކު ރާއްޖޭގައި މިހާރު އޮތީ އިންޑިއާ އިން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ހާލަތެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް، ޖަމީލް ސިފަކުރެއްވި ގޮތުގައި، ރާއްޖޭގެ ހާލަތު ވަނީ، އެއްވެސް ސަރުކާރެއްގައި ނުދާ މިންވަރަށް ދަށަށް ވެއްޓިފަ އެވެ. ރަައްޔިތުންގެ މަޖިލީހުގެ ބާރުކަނޑުވާލައި، ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް، އިދިކޮޅު ފަރާތްތައް ޖަލަށް ލާފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެސް މުއައްސަސާއެއް މިނިވަންކަމާ އެކު ނުހިނގާއިރު، މުޅި ނިޒާމް ވަނީ ހައިޖެކްކޮށް، މުޅި ގައުމު ހުއްޓުވާލާފަ އެވެ.
އެކަމަކު ޖަމީލް ވިދާޅުވީ މިއީ ބައިނަލްއަގުވާމީ މުޖުތަމައުން ލަސްނުކޮށް ރާއްޖެއާ މެދު ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ވިއަސް ބޮޑެތި ބައެއް ބާރުތަކުން އަޅާނުލައި ތިބި ކަމަށެވެ.
ރާއްޖެއަކީ، ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިލާމެހިފައިވާ ގައުމެއް ކަން ފާހަގަކުރައްވައި، ވިދާޅުވީ ރާއްޖެ މިހާރު މިއޮތް ހާލަތުގެ ސަބަބުން އިންވެސްޓްމެންޓްތަކަށް ވެސް ބުރޫއަރާނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު ޖަލަށް ލައިގެން އުޅޭ ގައުމެއްގައި، އިންވެސްޓްކުރާނީ ކޮން ބައެއްތޯ ވެސް ޖަމީލް ސުވާލު އުފެއްދެވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުކުރުމުގައި، އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން އިންޑިއާގެ ޒިންމާ ބޮޑު ކަމަށެވެ. އަދި އެކަމުގައި އިންޑިއާ އަށް ގިނަ ގޮތްގޮތުން އެހީތެރިވެވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖަމީލް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅައި، ބޭރު ގައުމުތަކުގައި ހުރި މުދާ ހިފެހެއްޓުމަކީ ވެސް މިހާރު ކުރަން ޖެހިފައި އޮތް ކަމެކެވެ.
ރާއްޖޭގެ ގާނޫނުތަކާއި ޑިމޮކްރަސީއާ ޚިލާފަށް ހިންގާ ކަންކަން ހުއްޓުވަން އިންޑިއާ އިން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ޖަމީލް ވިދާޅުވިއިރު، އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.
ހުކުމުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި މައްސަލައިގައި އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ހިފަހައްޓާފައިވާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން ވެސް އިންޑިއާ އިން ވަނީ ގޮވާލައިފަ އެވެ.