13 މާޗް 2018 - 10:56

ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމަށް އެ ކޯޓުގެ ލީގަލް އޮފިސަރު މަރިޔަމް ހޫރުޝީދާ އިއްޔެ އައްޔަން ކޮށްފި އެވެ.
ހައި ކޯޓުގެ ރެޖިސްޓްރާ ކަމަށް ހޫރުޝީދާ އައްޔަން ކުރީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން އަލީ މިދިޔަ އޭޕްރީލް މަހު ވަކި ކުރުމުން އެ މަގާމު ހުސްވެފައި އޮތުމުންނެވެ.
ހަސަން، މަގާމުން ވަކި ކުރުމުން މިހާތަނަށް ރެޖިސްޓްރާގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ވެސް ހޫރުޝީދާ އެވެ.
ރެޖިސްޓްރާ ކަމަށް އައްޔަން ކުރުމުގެ ކުރިން ހޫރުޝީދާ އަކީ 2011 ވަނަ އަހަރުން ފެށިގެން އެ ކޯޓުގެ ލީގަލް އޮފިސަރެކެވެ. ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ރެޖިސްޓްރާގެ މަގާމަށް އައްޔަން ކުރާ ބޭފުޅަކީ ދަށު ކޯޓުގެ ފަނޑިޔާރު ކަމަށް ޝަރުތު ހަމަވާ ބޭފުޅަކަށް ވާންޖެހެ އެވެ.
ހައި ކޯޓުގެ ރެޖިސްޓްރާ އަކީ އެ ކޯޓުގެ އިސް ފަނޑިޔާރުންނާއި ފަނޑިޔާރުން ފިޔަވައި، ކޯޓުގައި ދެން އެންމެ އިސްކޮށް ހުންނަވާ ބޭފުޅާ އެވެ. ހުށަހެޅޭ މައްސަލަތަކަކީ އެ ކޯޓަށް މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ މައްސަލަތަކެއްތޯ ބަލައި، މައްސަލަތައް ބަލައިގަނެ ރެޖިސްޓްރީ ކުރުމަކީ ރެޖިސްޓްރާގެ ސީދާ ބެއްލެވުމުގެ ދަށުން ހިނގާ ކަންކަމެވެ.