ދުން އެރުން ހުއްޓި، ހޫނުމިން ދަށަށް، އެކަމަކު ބިރުވެރިކަމެއް ނުފިލާ
ދުން އެރުން ހުއްޓި، ހޫނުމިން ދަށަށް، އެކަމަކު ބިރުވެރިކަމެއް ނުފިލާ

ބިމު އަޑިން ދުން އަރައި، ހޫނުކަން ފެތުރުނު މ. މުލަކު ސަރަހައްދުން އެކަން ހަމަޔަކަށް އެޅެމުން އައި ނަމަވެސް މީހުންގެ ހިތްތަކުން އަދިވެސް ބިރުވެރިކަން ނުފިލާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ދުން އެރުން ހުއްޓި، ހޫނުމިން ދަށަށް، އެކަމަކު ބިރުވެރިކަމެއް ނުފިލާ
ދުން އެރުން ހުއްޓި، ހޫނުމިން ދަށަށް، އެކަމަކު ބިރުވެރިކަމެއް ނުފިލާ

އެރަށު ސޯސަންގޭގެ ބޭރު ދޮރު ކައިރިން ބިމު އަޑިން އަރަން ފެށި ދުން މިހާރު ހުއްޓި އަދި ވެލިގަނޑުގެ ހޫނުމިން ވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެކަމަކު އެއީ ކީއްވެގެން ދިމާވި ކަމެއްކަން އަދިވެސް ނޭނގެ އެވެ.

ދުން އެރުން ހުއްޓި، ހޫނުމިން ދަށަށް، އެކަމަކު ބިރުވެރިކަމެއް ނުފިލާ
ދުން އެރުން ހުއްޓި، ހޫނުމިން ދަށަށް، އެކަމަކު ބިރުވެރިކަމެއް ނުފިލާ

ކައުންސިލްގެ ނައިބު ރައީސް އަހްމަދު ނިޒާރު ވިދާޅުވީ ސޯސަންގޭ ދުން އަރާ ސަރަހައްދުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އާތު ރޮޑު ނެގި ފަހުން ހޫނު މިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. ބިންގަނޑުގެ ހޫނު މިން ކުރިން 60 ޑިގްރީ އަށް ވުރެ މަތީގައި ހުރިއިރު މިހާރު 30 ޑިގްރީ އަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުުހުންނަށް މިހާތަނަށް ހޯދުނު މައުލޫމާތަށް ބަލާއިރު ބޮޑަށް ބުރަވަނީ ބިމު އަޑި އަށް ޖެހި އާތު ރޮޑުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. ނަމަވެސް ކޮންމެ ގަޑިއިރަކުން ހޫނު މިން ބަލަމުން އަންނައިރު ބައެއް ފަހަރަށް އަދިވެސް 30 ޑިގްރީ އަށް ވުރެ މައްޗަށް ދާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ ފުލުހުން ބުނީ އެކަން މެދުވެރިވީ އާތު ރޮޑުގެ ސަބަބުން ކަން ނިންމަން އަދި މާ އަވަސް ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި މިއީ މީގެ ކުރިން ދިމާވެފައި ނުވާ ފަދަ އާދަޔާ ހިލާފު ކަމަކަށް ވާތީ، އޭގެ ސަބަބު ހޯދުން މުހިއްމެވެ. އެ މަސައްކަތުގައި ފުލުހުންނާއި ސިފައިންގެ އިތުރުން މީޓިއޮރޮލޮޖީ އާއި ކަމާ ބެހޭ އެހެން މުއައްސަސާތަކުން ވެސް ހަރަކާތްތެރިވަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސޯސަންގޭ މީހުން ވެސް އަދި އެހެން މީހުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަން އަދިވެސް ނުފިލާ، އެއީ މިވަނީ ކިހިނެއް ކަން ސީދާ ނޭނގޭތީ،" ނިޒާރު ވިދާޅުވި އެވެ.

ސޯސަންގޭ މީހުން ހޮނިހިރު ދުވަހުގެ ރެ އާއި ރޭ ވެސް ނިދީ ޖެހިގެން ހުރި އާއިލާގެ އެހެން މީހެއްގެ ގޭގަ އެވެ. ސޯސަންގޭގައި ނިދުން ރައްކާތެރި ނޫން ކަމަށް ބުނެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ލަފާދިފަ އެވެ.

ސެންޓްރަލް ޕޮލިސް ޑިވިޒަންގެ ކޮމާންޑަރު ހަސަން ޝިފާއު ވިދާޅުވީ ސަބަބު ދެނަގަތުމަށް ފެނަކަ މުވައްޒަފުން ވަނީ އެ ގޭގެ ކަރަންޓް މައްސަލައެއް އުޅޭތޯ ވެސް ޗެކްކޮށްފައި ކަމަށެވެ. އެކަމަކު މިހާރު ދިމާވެގެން އުޅޭ މައްސަލައާ ގުޅުން ހުރި ފަދަ ގޯހެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަރަންޓް މައްސަލައެއް އުޅޭތޯ ޗެކްކޮށް އަލުން އާތު ރޮޑެއް ވެސް ޖަހާފައި މިހާރު ވަނީ. އެ ހުރިހާ ކަމެއް ކޮށްފައި ޓެމްޕަރޭޗާ ބަލާއިރު ވެސް ބައެއް ފަހަރަށް ހޫނުު މަތިވޭ، އަނެއް ބައި ފަހަރަށް ދަށްވޭ. އެހެންވީމަ އަދިވެސް ސީދާ ސަބަބެއް ޔަގީންކޮށް ބުނާކަށެއް ނޭނގެ،" ޝިފާއު ވިދާޅުވި އެވެ.

ޖިއޮލޮޖީގެ ދާއިރާ އިން ހާއްސަވެފައިވާ މަހްމޫދު ރިޔާޒް "މިހާރު" އަށް ވިދާޅުވީ މުލަކުގައި ދިމާވެގެން އުޅެނީ ސީދާ ކޮން ކަމެއް ކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެކަމަކު މިހާތަނަށް ހަބަރުތަކުން އޭނާ އަށް ލިބިވަޑައިގެންނެވި މައުލޫމާތަށް ބުރަވެވަޑައިގަންނަވާ އިރު، އެއީ އަލިފާން ފަރުބަދައަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެގޮތަށް އޭނާ ވިދާޅުވީ ރާއްޖެ އަކީ މީގެ އެތައް ސަތޭކަ މިލިއަން އަހަރެއް ކުރިން އަލިފާން ފަރުބަދަތަކެއްގައި އުފެދިފައި އޮތް ގައުމަކަށް ވެފައި އަދިވެސް ބިމު އަޑީގައި އޭގެ އަސަރު ހުރެދާނެ ކަމަށް ބައެއް މީހުން ދައްކާ ވާހަކައާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުންނެވެ.

މަހްމޫދު ވިދާޅުވީ ބިންގަނޑު ހޫނުވެ ދުން އަރަން މެދުވެރިވެދާނެ އެތައް ސަބަބެއް ހުރެދާނެ ކަމަށެވެ.

އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ބިމު އަޑީގައި ވަޅުލާފައި އޮތް އެއްޗެއް ހަލާކުވެ، އޭގެ ހޫނު މައްޗަށް އެރުމެވެ.

"މިސާލަަކަށް އަޑީގައި ލަކުޑި އެއްޗެއް ވަޅުލާފައި އޮވެގެން އެ ޑީކޮމްޕޯޒްވެގެން މިތޭން ގޭސް އަރާފާނެ. އެހެން ގޮތަކަށް ބަލާ ނަަމަ އެ ސަރަހައްދުގައި އިންޖީނުގެއެއް ހުރޭތޯ، ހުރި ނަމަ އަޑިއަށް ފައްތާފައިވާ ހޮޅީގެ ސަބަބުން ވެސް އެކަހަލަ ގޮތެއް ވެދާނެ،" މަހްމޫދު ވިދާޅުވި އެވެ.

މުލަކުގައި ދިމާވެގެން އުޅޭ މައްސަލަ ބަލަން ވަރަށް އާދައިގެ ޓެސްޓްތަކެއް ހެދިދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ދުން އަރާ ސަރަހައްދުގެ ބިމު އަޑީގައި ހުރި ފެނުގެ ވަހާއި ހޫނު މިން ފެތުރިގެން ދަނީ ކިހާ ސަރަހައްދަކަށްތޯ އަދި ހޫނުމިން އެންމެ ގަދަވަނީ ކޮން ތަނެއްގައިތޯ ވެސް ބަލައި ނިންމުންތަކެއް ނިންމިދާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު މިފަދަ ޓެސްޓްތަކެއް ހަދާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ. ދުން އަރާ ސަރަހައްދުގައި މި ވަގުތު އަމަލީ ގޮތުން ހަރަކާތްތެރިވަނީ ފުލުހުންނާއި ކައުންސިލަރުން އެކަންޏެވެ.