އިނގިލީގެ ނިޝާނަށް ހުޅުވޭ ކުޑަކުޑަ ތަޅެއް
އިނގިލީގެ ނިޝާނަށް ހުޅުވޭ ކުޑަކުޑަ ތަޅެއް

ރައްކާކުރަން ބޭނުންވާ ތަކެތި އެންމެ ރަގަޅަށް ރައްކާކުރެވޭނީ މޮޅު ތަޅެއްގެ އެހީގައެވެ. އެ ތަޅުގެ ތަޅުދަނޑިއަކީ ތިމާގެ އިނގިލީގެ ނިޝާންކަމަށްވާ ނަމަ އަދި މާ ރައްކާތެރިއެވެ. ބެންޖީލޮކް ރީޗާޖަބްލް ފިންގަޕްރިންޓް ޕެޑްލޮކަކީ އިނގިލީގެ ނިޝާނުން ހުޅުވޭ ތަޅެކެވެ.

އާދައިގެ ފޮށި ބަންދުކުރާ ކުޑަ ތަޅެއްގެ ސިފައަށް ހަދާފައިވާ މި ތަޅަކީ އަލަމާރި ވަތްގަނޑުން ފެށިގެން އަތްދަބަހާއި ބައިސްކަލުގައި ވެސް އަޅުވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަޅެކެވެ. މައިގަނޑު ބޭނުމަކީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އިނގިލީގެ ނިޝާނަކީ ބެންޖީލޮކްގެ ތަޅުދަނޑިއަށް ވާތީ ގައިމުވެސް އެހެން މީހަކަށް އެ ތަޅެއް ނުހުޅުވޭނެއެވެ.

މި ތަޅަކީ ރިޗާޖުކުރެވޭ ތަޅެކެވެ. އެއް ފަހަރު ޗާޖުކޮށްލައިގެން އަހަރު ދުވަހު ބޭނުންކުރެވޭނެ ކަމަށްވެއެވެ. އެއްވެސް ހާލަތެއްގައި އިނގިލީގެ ނިޝާން ބަލައިނުގެންފި ނަމަ އާދައިގެ ގޮތުގެ މަތިން ތަޅުދަނޑި ވެސް ބޭނުންކުރެވެއެވެ.