އަދިވެސް އެންމެ މޮޅު ކުޅުންތެރިއަކީ މެސީ: ރޮނާލްޑީނިއޯ
އަދިވެސް އެންމެ މޮޅު ކުޅުންތެރިއަކީ މެސީ: ރޮނާލްޑީނިއޯ

ލަންޑަން (ޖުލައި 18) - އަދިވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއަކީ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ކަމަށް އެ ޓީމަށް ކުރިން ކުޅުނު ބްރެޒިލްގެ ތަރި ރޮނާލްޑީނިއޯ ބުނެފި އެވެ.

އުމުރުން 29 އަހަރު މެސީ ވަނީ މިދިޔަ މަހު ކުޅުނު ކޮޕަ އެމެރިކާ ފައިނަލުން އާޖެންޓީނާ ބަލިވުމުން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައިވާ މެސީ އާޖެންޓީނާއާ އެކު ކުޅުނު ތިން ފައިނަލުން ވެސް ވަނީ ބަލިވެފަ އެވެ.

މެސީއާ އެންމެ ވާދަވެރި ކުޅުންތެރިއާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ރޮނާލްޑީނިއޯ ބުނީ އަދިވެސް އެންމެ މޮޅީ މެސީ ކަމަށެވެ.

"ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އަދިވެސް އެންމެ މޮޅު ކުޅުންތެރިއަކީ މެސީ. އަހަރެން އޭނާ އަށް ކުރާ އިހުތިރާމަށް އެއްވެސް ބަދަލެއް ނާންނާނެ. އެހާ އަވަހަށް މެސީ ގައުމީ ޓީމުން ރިޓަޔާކުރުމަކީ ބައިނަލްއަގްވާމީ ފުޓްބޯޅަ އާއި އޭނާގެ ސަޕޯޓަރުންނަށް ލިބުނު ގެއްލުމެއް،" ރޮނާލްޑީނިއޯ ބުންޏެވެ.

ރޮނާލްޑީނިއޯ ވަނީ އޭނާ ބާސެލޯނާ އަށް ކުޅުނު ފަސް އަހަރު ތެރޭގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ. އަދި މެސީ ބާސެލޯނާ ސީނިއާ ޓީމަށް ފުރަތަމަ ކުޅުނުއިރު ރޮނާލްޑީނިއޯ އަކީ އެ ޓީމުގެ ތަރި އެވެ.

ރޮނާލްޑީނިއޯ ބުނީ މެސީގެ އެހީއާ އެކު ބްރެޒިލްގެ ފޯވާޑް ނޭމާ އަށް މޮޅު ކުޅުންތެރިއަކަށް ވެވޭނެ ކަމަށެވެ.