14 މާޗް 2018 - 06:32

ހަރަކާތްތެރިކަން ކުޑަ ނަމަ ފިރިހެނުންނަށް ކޮލޯން ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް މީގެ ކުރިން ވެސް ދިރާސައަކުން ވަނީ ދައްކައިފަ އެވެ. މި ފަހަރު މިއޮތީ އަނެއްކާ ވެސް ފިރިހެނުންނާ ސިއްހަތާ ދޭތެރޭ މާ ބޮޑަަށް ވެސް ވިސްނާލަން ޖެހޭ ކަމެއްގެ ވާހަކަ އެވެެ.

ފަހުގެ ދިރާސާއެއްގައި މިހާރު ބުނަނީ ފިރިހެނުން މާ ގިނައިރު ޓީވީ ބަލަން އިނުމަކީ ބޮވެލް ކެންސަރަށް ހުށަހެޅި ދާނެ ކަމެއް ކަމަށެވެ. އެއީ ދަށްބަނޑުގެ ތިރިއަށް ޖެހޭ ކެންސަރުގެ ބާވަތެކެވެ.
ފްރާންސްގެ އެޖެންސީ ފޮ ރިސާޗް އޮން ކެންސާ (އައިއާރްއޭސީ) އާއި ލަންޑަންގެ އިންޕީރިއަލް ކޮލެޖާއި އޮކްސްފޯޑް ޔުނިވަސިޓީން ހަ އަހަރު ވަންދެން ކުރިއަށް ގެންދިޔަ ދިރާސާ އަށް ފަހު، ބުނެފައި ވަނީ އަންހެނުންނާ ހިލާފަށް ފިރިހެނުން، ދުވާލެއްގެ މައްޗަށް ހަތަރު ގަޑިއަށް ވުރެ ގިނައިރު ޓީވީ ދޮށުގައި ހޭދަކުރާ ނަމަ، ބޮވެލްގެ ކެންސަރަށް ހުށަހެޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
އެ ދިރާސާގައި ބުނާ ގޮތުން ގިނަ އިރު ވަންދެން ޓީވީ ދޮށުގައި އިނުމަކީ ހަރަކާތްތެރިކަން ކުޑަވެ، ސިއްހަތަށް ފައިދާ ނޫން ކާނާތައް ކެއުމަށް މަގުފަހިވުމާ އެކު، ދުންފަތުގެ އިސްތިއާމާލުކުރާ މިންވަރު ވެސް އިތުރުކޮށްދޭ ކަމެކެވެ. އެހެންވެ ވީޑިއޯ ގޭމް ކުޅޭށާއި ޓީވީން އަންނަ ފުޓްބޯޅަ އާއި ކްރިކެޓް މެޗް ފަދަ އެއްޗެހި ބަލަން ގިނަ ވަގުތު ހޭދަކުރުމާ ދޭތެރޭ ފިރިހެނުން ސީރިއަސްކޮށް ވިސްނާލަން ޖެހެ އެވެ.
ދިރާސާގައި ބުނާ ގޮތުން ބޮވެލް ކެންސަރާއި މީހާގެ ހަރަކާތްތަކާ ވަރަށް ބޮޑު ގުޅުމެއްވެ އެވެ. އެހެންވެ ހާއްސަކޮށް ފިރިހެނުންނަށް އޮތް ގޮތަކީ ހެލިފެލިވެ، އުޅެވޭ ކަހަލަ ކަންކަމުގައި ޝާމިލުވެގެން އުޅުމެވެ.
"ސިއްހީ ގޮތުން ރަނގަޅު ނޫން އާދަތަކަށް ހުށަހެޅުމަކީ މީހާގެ ސިއްހަތު ހަރާބުކޮށްލާނެ ކަމެއް. އެހެންވެ މީގައި އެންމެ މުހިއްމީ ވީހާ ވެސް ބޮޑަށް ހަރަކާތްތެރިވެ އުޅުން،" އައިއޭއާރްސީގެ ޕްރޮފެސަރު ނީލް މާފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަރަކާތްތެރިކަން ކުޑަވެ، ކަންނެތްވުމަކީ މީހާ ފަލަވާން ވެސް މެދުވެރި ވާނެ ކަމެކެވެ. އަދި އޭގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް ވެސް ގިނަ ވާނެ އެވެ.
މި ދިރާސާ ވަނީ ބްރިޓިޝް ޖާނަލް އިފް ކެންސާގައި ޝާއިއު ވެސްކޮށްފަ އެވެ.