13 މާޗް 2018 - 06:42

ކޮލެޖްގައި ކިޔަވަން ފައިސާ ރައްކާކުރަމުން ދިޔަ ޒުވާން އަންހެނަކު އެހެން މީހަކަށް ފޯރުކޮށްދިން ކުޑަކުޑަ އެހީތެރިކަމެއްގެ ބަދަލު ހީނުކުރާ ގޮތަކަށް ލިބި ހުވަފެންތަކެއް ހަގީގަތަކަށް ވެއްޖެ އެވެ.
އެމެރިކާގެ ޓެކްސަސްގައި ހުންނަ، ރެސްޓޯރަންޓެއްގައި ވަޒީފާ އަދާކުރާ އިވޯނީ ވިލިއަމްސް، 18، ގެ ދިރިއުޅުން ބަދަލުވީ އޭނާ މަސައްކަތްކުރާ ތަނަށް ވަން އުމުރުން ދުވަސްވީ މީހަކަށް، ކާން ގެނައި އެއްޗެހި ނުކެފިގެން އުޅެނިކޮށް އެ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުމުންނެވެ. އިވޯނީ މިކަން ކުރި އިރު އެހެން މީހަކު ވަނީ އެ މަންޒަރު ފޮޓޯ ނަގައި ސޯޝަލް މީޑިއާއަށް އަށް ލައިފަ އެވެ. އެއާ އެކު އެ ޕޯސްޓް ވައިރަލްވެ އިވޯނީ އަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. އެއާ އެކު އޭނާ އަށް ވަނީ ޓެކްސަސް ސަދަން ޔުނިވަސިޓީން ސްކޮލަޝިޕެއް ދީދަ އެވެ.
މި މަހުގެ ކުރީކޮޅު އިވޯނީ އެހީތެރިވި މީހާ އަކީ ވަރަށް ފަހުން އޮޕަރޭޝަނެއް ކޮށްފައިވާ މީހެކެވެ. އެ އޮޕަރޭޝަނާއި އުމުރުން ދުވަސްވުމުގެ ސަބަބުން އެކަނި އުޅެން އެ މީހާއަށް ވަނީ ދަތިވެފަ އެވެ.
އަތުން ރަނގަޅަށް މަސައްކަތް ނުކުރެވޭ ކަމަށް، އުމުރުން ދުވަސްވީ މީހާ ބުނުމުން އިވޯނީ އޯގާތެރިކަމާ އެކު އެ މީހާއަށް އެހީތެރިވި މަންޒަރު ސޯޝަލް މީޑިއާގައި އާންމުކުރި މީހާ ބުނެފައި ވަނީ އެ މީހާއަށް އިވޯނީ އެހީތެރިވީ އެއްވެސް ސުވާލެއް ކުރުމެއް ނެތި ކަމަށެވެ. މިއީ ވަރަށް އާދައިގެ ކުޑަކުޑަ އެހީއަކަށް ވިޔަސް އެއީ އެ ބަލި މީހާއަށް ވަރަށް ބޮޑު ކަމަކަށް ވާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްގައި ލިޔެފައިވެ އެވެ.
"އިވޯނީގެ އޯގާތެރިކަން ސޯޝަލް މީޑިއާގައި ވައިރަލްވުމުން އަހަރެމެން އޭނާއަށް މި ރައްދުކުރަނީ އެކަމުގެ ބަދަލު،" ޔުނިވަސިޓީން ބުނެފައިވެ އެވެ.
އިވޯނީ އަށް ވަނީ އޭނާ ނިސްބަތްވާ ސަރަހައްދުގެ މޭޔަރުގެ ފަރާތުން ވެސް ޝަރަފުވެރިކަން ދީފަ އެވެ.