12 މާޗް 2018 - 15:20

ވޮޝިންޓަން (މާޗް 12) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ބާއްވަން މަސައްކަތް ކުރާ ސަމިޓާ ގުޅޭ ގޮތުން ނޯތު ކޮރެއާ އިން އަދި މިހާތަނަށް ޖަވާބެއް ދީފައި ނުވާ ކަމަށް ސައުތު ކޮރެއާ އިން ބުނެފި އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވަނީ ކިމްއާ ބައްދަލު ކުރުމުގެ ދައުވަތު ގަބޫލް ކުރައްވާ ދުނިޔެ އަށް ބޮޑު ހައިރާން ކަމެއް ގެނެސްފަ އެވެ. ޓްރަމްޕާ ބައްދަލު ކުރި ސައުތު ކޮރެއާގެ އޮފިޝަލުން ބުނެފައި ވަނީ ނިއުކްލިއާ ޕްރޮގްރާމް މަޑުޖައްސާލަން ކިމް ހުންނެވީ ތައްޔާރަށް ކަމަށެވެ.
ކިމްއާ ބައްދަލު ކުރައްވާނެކަން ޓްރަމްޕް އިއުލާން ކުރެއްވި ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ތަނަކާއި ތާރީޚެއް ހާމަކޮށްފައެއް ނުވެ އެވެ.
"ނޯތު ކޮރެއާ-އެމެރިކާ ސަމިޓާ ގުޅޭ ގޮތުން ޕިއޮންޔޮން އިން އަދި އެއްވެސް ޖަވާބެއް ނުދޭ،" ސައުތު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
ޓްރަމްޕްއާ ބައްދަލު ކުރި ސައުތު ކޮރެއާގެ ޓީމުން މިހާރު ދަނީ ޗައިނާ އާއި ޖަޕާނުގެ ލީޑަރުންނާ ބައްދަލު ކުރުމަށް އެ ދެ ގައުމަށް ދަތުރު ކުރުމަށް ތައްޔާރުވަމުންނެވެ.