13 މާޗް 2018 - 12:18

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެދޮރު އިމާރާތްކުރަން ދޫކުރާ ދެ ލޯނަކަށް އިކުއިޓީގެ ގޮތުގައި އެންމެ މަދުވެގެން ބަހައްޓަން ޖެހޭ މިންވަރު 30 ޕަސެންޓަށް ބޮޑުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކް އަދި ގެދޮރު އިމާރާތްކުރަން އެންމެ ފުޅާ ދާއިރާއެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބީއެމްއެލުން އިކިއުޓީ ބޮޑުކުރީ ހޯމް ކޮންސްޓްރަކްޝަން ލޯނާއި ރިއަލް އެސްޓޭޓްގެ ލޯނުންނެވެ. މި ދެ ލޯނު ނަގާ ފަރާތްތަކުން ވެސް އިކިއުޓީގެ ގޮތުގައި މަދުވެގެން 30 ޕަސެންޓް ބަހައްޓަން ޖެހެ އެވެ. ކުރިން ނަމަ ހޯމް ކޮންސްޓްރަކްޝަން ލޯނަށް މަދުވެގެން 20 ޕަސެންޓް އަދި ރިއަލް އެސްޓޭޓް ލޯނު ނަމަ 25 ޕަސެންޓްގެ އިކިއުޓީއެއް ބޭނުންވެ އެވެ.
އިކިއުޓީ އަކީ ލޯނު ނަގާ ފަރާތުން އެ ލޯނުގައި ހިއްސާވާ މިންވަރެވެ. މިސާލަކަށް އެއް މިލިއަން ރުފިޔާގެ ލޯނެއް ނަގަންޏާ ލާން ޖެހޭ 30 ޕަސެންޓްގެ އިކިއުޓީއަކީ 300،000ރ އެވެ.
ބީއެމްއެލްގެ ވެބްސައިޓްގައިވާ ގޮތުން ހޯމް ކޮންސްޓްރަކްޝަން ލޯނުގައި 30 ޕަސެންޓްގެ އިކިއުޓީއެއް ލައިފި ނަމަ އިންޓަރެސްޓަކީ 11.25 ޕަސެންޓެވެ. އަދި 40 ޕަސެންޓް ބަހައްޓާ ނަމަ 11 ޕަސެންޓަށް އިންޓަރެސްޓް ތިރިވާ އިރު 50 ޕަސެންޓްގެ އިކިއުޓީއަކާ އެކު އިންޓަރެސްޓް ރޭޓް 10.50 ޕަސެންޓް ދަށަށް ދެ އެވެ.
ބީއެމްއެލުން 15 އަހަރުގެ މުއްދަތަށް ދޫކުރާ މި ލޯނު ބޭނުންކޮށްގެން ބިން ގަނެގެން ވެސް ގެދޮރު އިމާރާތްކުރެވޭނެ އެވެ. އަދި ގެދޮރުގެ މަރާމާތަށް ވެސް އެ ލޯނު ނެގެ އެވެ. އެކަމަކު ކުރިން ނަމަ ގޭގެ މުޅި މަޝްރޫއު ކަވަރުކުރެވޭ ވަރަށް އެ ލޯނު ދިން ނަމަވެސް މިހާރު ވަނީ ގިނަވެގެން ދިހަ މިލިއަން ރުފިޔާއަށް ލިމިޓްކޮށްފަ އެވެ. އެންމެ ކުޑަވެގެން ނެގެނީ 50،000ރ. އެވެ.
ރިއަލް އެސްޓޭޓް ލޯނުގައި 30 ޕަސެންޓްގެ އިކިއުޓީ ބެހެއްޓުމުން އިންޓަރެސްޓް ރޭޓް އުޅެނީ 11.75 ޕަސެންޓްގަ އެވެ. އެކަމަކު އެ ރޭޓް 11.5 ޕަސެންޓަށް ކުޑަކުރަން 40 ޕަސެންޓްގެ އިކިއުޓީއެއް ބަހައްޓަން ޖެހެ އެވެ. އިކިއުޓީގެ މިންވަރު 50 ޕަސެންޓަށް އަރައިފި ނަމަ އިންޓަރެސްޓް ރޭޓް 11 ޕަސެންޓަށް ކުޑަވެ އެވެ.
ރިއަލް އެސްޓޭޓް ލޯނު ދޫކުރަނީ ފްލެޓް، އެޕާޓްމަންޓާއި ރޯ ހައުސް އަދި ގެސްޓް ހައުސް އާއި ހޮޓެލް އިމާރާތްކުރުމަށާއި ކޮންޑޮމީނިއަމް އާއި އޮފީސް އިމާރާތްކުރުމުގެ މަޝްރޫއުތަކަށެވެ.