12 މާޗް 2018 - 14:24

ސިއްހަތަށް ގެއްލުން ވިޔަސް ސުޕާރީއަކީ ދިވެހިންގެ ތެރޭގައި ކިހާ މުހިންމު އެއްޗެެއްކަން އެނގެނީ އޭގެ އަގު ބޮޑުވެގެން ބައެއް މީހުން ރުޅި ގަވަދެވެގެން އުޅޭތީ އެވެ.
ސުޕާރީގެ އަގު ބޮޑުވެ، ކުރިން ޖީބު ފުރައި ސުޕާރީ ގެންގުޅުނު ކިތަންމެ ބައެއްގެ ޖީބު ހުސްވެއްޖެ އެވެ. މިކަން ޖޯކަކަށްވެ ސުޕާރީގެ އަގާއި މިހާރު އުފެދިގެން އުޅޭ ސިޔާސީ ހަމަނުޖެހުންތަކާ ވެސް އެއްބަޔަކު ގުޅުވަ އެވެ. މިފަހަރު އެ ވާހަކަ މި ދައްކަނީ "ރާޅުގަނޑު ބޮޑުބެރު"ގެ މޭސްތިރިޔާ ހައްމާދު (ހަމްޕް) ރަޝީދު އެވެ. މިއީ ރާޅުގަނޑުގެ ދަށުން ހިންގާ އިންކާ ބޭންޑުގެ ލަވައެކެވެ.
އޭނާ ބުނީ ސުޕާރީގެ ވާހަކަތަކެއް ކިޔައި ދޭން ނިންމީ، ސުޕާރީ އަގުގެ މައްސަލަ "ބޮޑު އިޝޫއަކަށް" ވެސް ވެފައިވާތީ ކަމަށެވެ. މިއީ ސުޕާރީގެ އަގުގެ މައްސަލާގައި އިންސާފު ހޯދައި ދޭން ގޮވައިލާ ލަވައެކެވެ.
"އެކަމަކު މިއީ އެއްގޮތަކަށް ވެސް ސިޔާސީ ލަވައެއް ނޫން. އެކަމަކު ރާއްޖޭގެ މިހާރުގެ ހާލަތުގެ ތެރޭގައި އޮތް ގިނަ ބަޔަކު ރުޅިގަދަވި އެއް މައްސަލައަށް ސުޕާރީ އަގުބޮޑުވުންވާތީ ކޮމެޑީ ސްޓައިލަކަށް ކިޔައި ދޭން ބޭނުންވި ލަވައެއް،" ހަމްޕް ބުންޏެވެ.
އޭނާ ބުނި ގޮތުގައި "އިންކާ ބޭންޑް" ހާއްސައީ ވެސް މި ފާޑުގެ ލަވަތަކަށެވެ. އެހެންވެ އަދި މި ކަހަލަ ކިތަންމެ ލަވަތަކެއް ކުރިއަށް ހުރީ އެވެ. ސުޕާރީ އަގުބޮޑުވެގެން ރަތަށް އެރި މީހުންގެ ޝުއޫރުތައް "ސުޕާރީ ސޯންގް" އިން ބަންޑުންކޮށްލައިފި އެވެެ. މިއީ ތި އެންމެންގެ ހައްގުގައި އަޑު އުފުލައިދޭ ލަވައެކެވެ. ދެން އަތް ޖަހާށެވެ.