12 މާޗް 2018 - 13:30

ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ކުރާ ޕީޕީއެމަށް މެޖޯރިޓީ ލިބުނީ އެންޓި ޑިފެކްޝަން ބިލެއް ނެތުމުގެ ސަބަބުން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ވިދާޅުވެއްޖެ އެވެ.
އެންޓި ޑިފެކްޝަން ބިލަށް ބަހުސް ކުރައްވައި، ސަލީމް ވިދާޅުވީ އެންޓި ޑިފެކްޝަން ބިލު މީގެ ކުރިން ފާސްވެފައި އޮތް ނަމަ، ޕީޕީއެމްގައި މިހާރު ތިއްބަވާނީ 33 މެމްބަރުން ކަމަށެވެ. އެހެންވި ނަމަ، ޕީޕީއެމަށް މަޖިލީހުގެ މެޖޯރިޓީ ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"[އެންޓި ޑިފެކްޝަން] ބިލު ނެތުމުގެ ސަބަބުން އަޅުގަނޑުމެންނަށް މެޖޯރިޓީ ހޯދަން ފުރުސަތު ލިބުނީ. މިއީ އެ ބިލު ފާސްކުރާއިރު، ވިސްނަން ޖެހޭ ކަމެއް. އަޅުގަނޑުމެން ހަމައެކަނި އެއް ސިސްޓަމަށް ވާހަކަ ދައްކައިގެން ހަގީގަތާ ހަމައަށް ނުދެވޭނެ،" ސަލީމް ވިދާޅުވި އެވެ.
ސަލީމް އެހެން ވިދާޅުވިއިރު މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމަށް ކާމިޔާބުކުރެވުނީ 33 ގޮނޑި އެވެ. އަދި ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭ އަށް ލިބުނު ގޮނޑީގެ އަދަދާ އެކު ޖުމްލަ 40 އަށް ވެސް ނާރާނެ އެވެ. އެކަމަކު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި މިނިވަން މެމްބަރުންގެ ގޮތުގައި އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ޕީޕީއެމާ ގުޅުމާ އެކު އެ ކޯލިޝަން މެމްބަރުންގެ އަދަދު 50 އަށް ވުރެ މައްޗަށް އެރި އެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން ޕީޕީއެމުން ވަކިވެވަޑައިގަތުމުން ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ވަނީ ސަރުކާރަށް ގެއްލިފަ އެވެ.
ޕީޕީއެމަށް އެންމެ ބޮޑު ލޮޅުމެއް އެރީ މިދިޔަ އަހަރުގެ ތެރޭގައި އެ ޕާޓީގެ 12 މެމްބަރަކު އެއް ފަހަރާ ޕީޕީއެމުން ވަކިވެވަޑައިގަތުމުންނެވެ. ޕީޕީއެމް ކޯލިޝަންގައި މިހާރު ތިއްބެވީ 41 މެމްބަރުންނެވެ.
ސަލީމް ވިދާޅުވީ ޕާޓީ ބަދަލުކުރީމަ، މަޖިލީހުގެ މެމްބަރުން ގޮނޑި ގެއްލުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު ދެން އެ ބިލުގައި ބުނާ މާއްދާތަކަށް ވިސްނަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެގޮތުން ޕާޓީގެ ވެރިމީހާއަށް މެމްބަރުން ކަނޑާލުމުގެ ބާރު އޮތުމާއި އިލެކްޝަންސް ކޮމިޝަނަށް މެމްބަރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު އޮތުމުން ސަލީމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"އިލެކްޝަންސް ކޮމިޝަނަށް ކޮން ބާރެއްތޯ އޮންނަންވީ އަޅުގަނޑުމެންނާ ބެހޭ ގޮތުން ވާހަކަ ދައްކަން؟ އެއްވެސް ބާރެއް ނޯންނާނެ،" ސަލީމް ވިދާޅުވި އެވެ.
އެންޓި ޑިފެކްޝަން ބިލުގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ. މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލުގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ. އެގޮތުން އޭނާ ގުޅޭ ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ އެވެ.
ބިލުގެ މަގްސަދު ހާސިލް ކުރުމަށް ހަދަން ޖެހޭ އެންމެހާ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލަން ވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ބިލަށް އަމަލު ކުރަން ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ސަލީމް ވަނީ މަޖިލީހުގެ މެމްބަރުންނަކީ ތަސައްވަރު ފުދޭ، އަމިއްލަ އެދުން އިސް ނުކޮށް، މުޅި ގައުމުގެ މަސްލަހަތަށް ވިސްނައިގެން ކަންކަން ކުރަން ޖެހޭ ބޭފުޅުން ކަން ފާހަގަކުރައްވައިފަ އެވެ.
އެއްވެސް ސަރުކާރެއް ވައްޓާލުމަކީ ބަޔަކު ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އެކަމަކު ރައީސަކު، ގޯސްކޮށް ކަމެއް ކޮށްފި ނަމަ، އެމަނިކުފާނު މަޖިލީހުން ވަކިކުރެވޭނެ ގޮތް އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.