12 މާޗް 2018 - 12:40

މޮސްކޯ (މާޗް 12) - ދެހާސް ސާދަ ވަނަ އަހަރުގެ ސޮޗީ ވިންޓަ އޮލިމްޕިކްސް ގޭމްސް އަށް އަމާޒުކޮށް ހަމަލާދޭން ބޮމެއް ހިފައިގެން ދަތުރުކުރި މީހަކު އިން ޕަސިންޖާ މަތިންދާ ބޯޓެއް ވައްޓާލަން އެންގެވި ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.
އާ ޑޮކިއުމެންޓްރީއެއްގައި ޕުޓިން ވިދާޅުވީ ޔޫކްރޭނުން ތުރުކީގެ އިސްތަންބޫލް އަށް ދަތުރުކުރި ތުރުކީގެ ޕެގަސުސް އެއާލައިންސްގެ ބޮއިން 737-800 ބޯޓުގައި ބޮމެއް އޮތް ކަމަށާއި އެ ބޯޓް ހައިޖެކްކޮށްފައިވާ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ދީފައިވާ ކަމަށެވެ. އަދި ވިންޓަ އޮލިމްޕިކްސް ފަށަން އުޅެނިކޮށް އެ ބޯޓު ޖައްސަން އުޅުނީ ސޮޗީ އަށް ކަމަށް ވިދާޅުވި އެވެ. އެ ބޯޓުން 110 މީހުން ދަތުރުކުރި އެވެ.
"ބޯޓު ހައިޖެކްކުރި މީހުން ޑިމާންޑް ކުރަމުން ދިޔައީ ސޮޗީގައި ޖެއްސުމަށް ކަމަށް އަޅުގަނޑަށް މައުލޫމާތު ދިނީ،" ފިލްމުގައި ޕުޓިން ވިދާޅުވި އެވެ.
ޕުޓިން ވިދާޅުވީ އެފަދަ ހާލަތްތަކުގައި އޮންނަ އިމަޖެންސީ ޕްރޮސީޖަރަކީ ބޯޓު ބައްޓާލުން ކަމަށް ސެކިއުރިޓީ އޮފިޝަލުން އެމަނިކުފާނަށް އެންގެވި ކަމަށެވެ.
"އެހެންވެ އަޅުގަނޑު ދެންނެވި ޕްރޮސީޖާ ޕްލޭނާ އެއްގޮތަށް ކުރިއަށް ދިއުމަށް،" ޕުޓިން ވިދާޅުވި އެވެ.
ކުޑައިރުކޮޅެއް ފަހުން ޕުޓިން އަށް ލިބުނު ފޯން ކޯލެއްގައި ވަނީ އެއީ ފޭކް އެލާމެއް ކަމަށާއި ބޯޓުގައި ބޮމެއް ނެތް ކަމަށް ބުނެފަ އެވެ. އޮލިމްޕިކް އޮފިޝަލުންނާ އެކު ސޮޗީ އަށް ޕުޓިން ވަޑައިގެންނެވީ އެ ހާދިސާގެ ފަހުންނެވެ.