13 މާޗް 2018 - 06:41

ރޯގާ ފެތުރުމުގެ ނުރައްކާ ބޮޑު ހިސާބުތައް ދެނެގަނެ، ބަލި ފެތުރެން އުޅޭކަމުގެ އިންޒާރު ދޭ ތާމޮމީޓަރެއް ޔުނިވަސިޓީ އޮފް އައޮވާގެ ރިސާޗަރުން އީޖާދުކޮށްފި އެވެ.
މި މައުލޫމާތު ދެނެގަންނަނީ މޯބައިލް ފޯނާ ގުޅާފައި އިންނަ އިލެކްޓްރޯނިކް ތާމޮމީޓަ ޑިވައިސްއަކުންނެވެ.
މި އުފެއްދުމުގެ ފަހަތުގައިވާ ޓީމުން ބުނީ މިއީ ބަލިތައް ފެތުރެން އުޅޭކަން ދެނެގަނެ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެހީއަކަށް ވާނެ އުފެއްދުމެއް ކަމަށެވެ.
"އަހަރެމެންނަށް ފާހަގަވެފައިވާ ގޮތުގައި، އާންމު ސިއްހަތާ ގުޅުން ހުރި ކަންކަމުގައި ތާމޮމީޓަރު މެދުވެރިކޮށް އެއްކޮށްފައި ހުންނަ މައުލޫމާތުން އިންފްލުއެންޒާ ފަދަ ބަލިތައް ކުރިން ދެނެގަނެވިދާނެ. މިއީ ބަލި ފެތުރެން އުޅޭކަން ކުރިން ދެނެގަނެވޭނެ ގޮތެއް،" ދިރާސާ ޓީމުގައި ހިމެނުނު އާރޮން މިލާ ބުނެފައިވެ އެވެ.
އޭނާ ބުނީ ވަރަށް އާދައިގެ މޮޑެލްއެއް ބޭނުންކޮށްގެން ވެސް، ތާމޮމީޓަރުގެ މައުލޫމާތުން އިންފްލުއެންޒާ ފަދަ ބަލިތައް ކުރިއާލައި ދެނެގަނެވޭނެ ކަމަށެވެ. އެގޮތުން، ބަލި ފެތުރެން ފެށުމުގެ ދެތިން ހަފުތާ ކުރިން އެކަން ދެނެގަނެވިދާނެ ކަމަށް ބުންޏެވެ.
މި ދިރާސާގައި އަށް މިލިއަން ޑިވައިސް އިން މައުލޫމާތު އެއްކޮށް، އެމެރިކާގެ އެކި ހިސާބުތަކުގައި އިންފްލުއެންޒާގެ ހާލަތު ދެނެގެންފައިވެ އެވެ.