12 މާޗް 2018 - 12:04

ހއ. ހޯރަފުއްޓާ އެއްފަޅެއްގައި އޮންނަ މާފިނޮޅުގައި އެއާޕޯޓެއް ހަދަން ނިންމައި، އޭގެ ސަބަބުން އެ ރަށުގެ ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަންނަ ދިރާސާ (އީއައިއޭ) ހަދާނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް އިން އިއުލާން ކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓްސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މާފިނޮޅުގައި އެއާޕޯޓް ހެދުމަށް ފަޅުން ބައެއް ހިއްކަން ޖެހޭތީ އީއައިއޭ ހަދާނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާ ކަމަށެވެ.
ރީޖަނަލް އެއާޕޯޓްސް އިން ނެރުނު އިއުލާނެއްގައިވާ ގޮތުން، ހޯރަފުށީގެ ހުޅަނގަށް އޮންނަ މާފިނޮޅުގައި އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި އީއައިއޭ ހަދަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހު މައުލޫމާތު ސާފުކުރަން ޖެހެ އެވެ. އަދި މި މަހުގެ 25 ގައި އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ކަމަށް ވެސް އިއުލާންގައި ވެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ 21 ގައި ވިދާޅުވެފައި ވަނީ ހޯރަފުށި ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ. އަދި ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ނ. މާފަރާއި ގދ. މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް ނިމޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައި ވެ އެވެ.
ސަރުކާރުން ވަނީ ކުޅުދުއްފުއްޓާއި ފުނަދޫ އަދި މާވަރުލުގައި އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކައި، ރަންވޭ ހެދުމަށް އެމްޓީސީސީއާ ހަވާލު ކޮށްފަ އެވެ.