12 މާޗް 2018 - 10:25

މިލާން (މާޗް 12) – ރޭ އިންޓަ މިލާނާ 0-0 އެއްވަރުވެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން 28 އަހަރަށް ފަހު ހޯދުމަށް ނަޕޯލީން ކުރަމުން އަންނަ އުއްމީދަށް ކޮންމެވެސް ވަރެއްގެ ހުރަހެއް ކުރިމަތިވެއްޖެ އެވެ.
ރޭ މޮޅުވި ނަމަ ނަޕޯލީ އަށް ޔުވެންޓަސްގެ މައްޗަށް ދެ ޕޮއިންޓުގެ ލީޑެއް ނެގުނީހެވެ. އިތުރު އެއް މެޗު އޮތް ޔުވެންޓަސް އަށް މިހާރު ނަޕޯލީގެ މައްޗަށް ހަތަރު ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.
ޔުވެންޓަސް 27 މެޗުން 71 ޕޮއިންޓް ހޯދައިގެން އެއް ވަނައިގައި އޮތްއިރު ނަޕޯލީ ދެ ވަނައިގައި އޮތީ 28 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ނަޕޯލީ އަށް މި ސީޒަނުގައި ހޯދެން އޮތް ހަމައެކަނި ތަށްޓަކީ ލީގެވެ. ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު އަދި އިޓާލިއަން ކަޕުން އެ ޓީމު ވަނީ ކަޓައިފަ އެވެ. އަނެއްކޮޅުން ޔުވެންޓަސް އަށް ތިން މުބާރާތް ހޯދެން އެބައޮތެވެ. އެއީ ލީގުގެ އިތުރުން މިހާރު ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ ޗެމްޕިއަންސް ލީގާއި ފައިނަލުން ޖާގަ ހޯދާފައިވާ އިޓާލިއަން ކަޕެވެ.
ޔުވެންޓް ރޭ އަމިއްލަ ދަނޑުގައި އުދިނޭޒީ އަތުން 2-0 އިން މޮޅުވިއިރު ދެ ގޯލް ވެސް ޖެހީ ޕައޮލޯ ޑީބަލާ އެވެ. ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ޖެހިއިރު ދެ ވަނަ ގޯލް ޖެހީ 49 ވަނަ މިނެޓުގަ އެވެ.
އިޓާލިއަން ލީގުގެ ތިން ވަނައިގައި 56 ޕޮއިންޓާ އެކު އޮތީ ހޮނިހިރު ދުވަހުގެރޭ ޓޮރިނޯ އަތުން 3-0 އިން މޮޅުވި ރޯމާ އެވެ. ހަތަރު ވަނައިގައި 53 ޕޮއިންޓާ އެކު އޮތީ ރޭ ކަލިއާރީއާ 2-2 އިން އެއްވަރުވި ލާޒިއޯ އެވެ. އޭގެ ފައިދާ ނަގައި ހަތަރު ވަނަ އަށް އަރަން އިންޓަ އަށް ފުރުސަތު ލިބުނު ނަމަވެސް ރޭ ނަޕޯލީއާ އެއްވަރުވުމުން ފުރުސަތު ގެއްލުނީ އެވެ. އެ ޓީމު އޮތީ 52 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އަދި އޭސީ މިލާން ވަނީ ރޭ ޖެނޯއާ އަތުން 1-0 އިން މޮޅުވެ 47 ޕޮއިންޓާ އެކު ހަ ވަނަ އަށް އަރައިފަ އެވެ.