އެސްޓޯރީގެ ބަދަލުގައި އެރި ވިކްޓަގެ ގޯލުން ފިއޮރެންޓީނާ މޮޅުވެއްޖެ
އެސްޓޯރީގެ ބަދަލުގައި އެރި ވިކްޓަގެ ގޯލުން ފިއޮރެންޓީނާ މޮޅުވެއްޖެ

ފްލޮރެންސް (މާޗް 12) – މިދިޔަ އާދީއްތަ ދުވަހު ފިއޮރެންޓީނާގެ ކެޕްޓަން ޑެވިޑޭ އެސްޓޯރީގެ މަރުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އެސްޓޯރީގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނުނު ވިކްޓާ ހޫގޯގެ ލަނޑުން ބެނެވެންޓޯ އަތުން އެ ޓީމު އިއްޔެ 1-0 އިން މޮޅުވެއްޖެ އެވެ.

އެސްޓޯރީގެ ބަދަލުގައި އެރި ވިކްޓަގެ ގޯލުން ފިއޮރެންޓީނާ މޮޅުވެއްޖެ
އެސްޓޯރީގެ ބަދަލުގައި އެރި ވިކްޓަގެ ގޯލުން ފިއޮރެންޓީނާ މޮޅުވެއްޖެ

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން އެ ޓީމުގެ ސަޕޯޓަރުން ވަނީ އެސްޓޯރީގެ ހަނދާނުގައި ފުއްޕާހަންތަކެއް ދޫކޮށްފަ އެވެ. އެސްޓޯރީ އަށް ހާއްސަ މެސެޖްތައް ލިޔެފައިވާ ބެނާތައް ވެސް ދަމާފައި ހުރިއިރު ސަޕޯޓަރުން ވަނީ އޭނާ އަށް ހާއްސަ ކޮރިއޯގްރަފީއެއް ދައްކާލައިފަ އެވެ.

މެޗު ފެށުމުގެ ކުރިން ފުރަތަމަ އެގާރަ އިއުލާންކުރިއިރު އެސްޓޯރީގެ ނަން ވެސް ކިޔެވެ. އެނައުންސަރު ބުނީ އެސްޓޯރީ އަކީ އަބަދަށް އެ ކްލަބުގެ ކެޕްޓަން ކަމަށެވެ.

އެސްޓޯރީގެ ބަދަލުގައި ކުޅުނު ބްރެޒިލް ޑިފެންޑަރު މި މެޗުގައި ގޯލް ޖެހީ ރިކާޑޯ ސަޕޮނާރާ ކޯނަރަކުން ހުރަސްވި ބޯޅައަކުން 25 ވަނަ މިނެޓުގަ އެވެ. އޭނާ ލަނޑު ޖެހުމަށް ފަހު އެސްޓޯރީ އަށް ސެލިއުޓް ނެގި އެވެ.

މި މެޗުގައި ފިއޮރެންޓީނާގެ ޒުވާން ފޯވާޑް އަދި އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ ދަރިފުޅު ޖިއޮވާނީ އަށް ހުސް ފުރުސަތުތަކެއް ލިބުނެވެ. އަދި ފަހު މިނެޓުގައި ކެޕްޓަން މިލަން ބަޑެލް ފޮނުވާލި ބާރު ބޯޅައެއް ދަނޑިއަށް އަމާޒުވި އެވެ. އެ ބޯޅަ ރީބައުންސްވެ މާކޯ ބެނާސީ އަށް ލިބުނު ނަމަވެސް އޭނާ ޖެހުމުން ދިޔައީ ގޯލް މަތިންނެވެ.

މެޗު ނިމުމާ އެކު ފިއޮރެންޓީނާ ކުޅުންތެރިން ވަރަށް ބޮޑަށް ރުޔެވެ. ފަހު ކަށިގަނޑާ އެކު ގިނަ ކުޅުންތެރިންނަށް ޖަޒުބާތު ހިފަހައްޓާނުލެވި ދަނޑު މައްޗަށް ވެއްޓުނީ އެވެ.

އިޓަލީ ގައުމީ ޓީމަށް ވެސް ކުޅެފައިވާ އެސްޓޯރީ މިދިޔަ އާދީއްތަ ދުވަހު މަރުވީ އެ ދުވަހު އިޓާލިއަން ލީގުގައި އާދީއްތަ އުދިނޭޒީއާ ދެކޮޅަށް ކުޅުމަށްޓަކައި ފިއޮރެންޓީނާ ޓީމު ކޭމްޕްކޮށްފައިވާ ހޮޓަލުގައި ނިދާފައި އޮއްވަ އެވެ. އޭނާގެ ޝަރަފުގައި އެ ކްލަބުން ވަނީ 13 ނަމްބަރު ޖާޒީ ދެން ބޭނުންނުކުރަން ނިންމައިފަ އެވެ.