އާސެނަލަށް ހަމަޖެހުމެއް، ޓޮޓެންހަމް ތިން ވަނަ އަށް
އާސެނަލަށް ހަމަޖެހުމެއް، ޓޮޓެންހަމް ތިން ވަނަ އަށް

ލަންޑަން (މާޗް 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 3-0 އިން ވަޓްފޯޑް ބަލިކޮށް އާސެނަލުން ހަމަޖެހިލިއިރު، ރަށުން ބޭރުގައި ބޯންމައުތު އަތުން 4-1 އިން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ތިން ވަނައިގައި ޓޮޓެންހަމް އޮތީ 30 މެޗުން 61 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 30 މެޗުން 60 ޕޮއިންޓެވެ. ރޭގެ މޮޅާ އެކު އާސެނަލް ލީގުގެ ހަ ވަނައިގައި އޮތީ 30 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗު ފަށައިގެން ހަތް ވަނަ މިނިޓް ތެރޭގައި ޖޫނިއާ ސްޓަނިސްލާސް ވަނީ ބޯންމައުތަށް ލީޑުނަގައިދީފަ އެވެ. ޓޮޓެންހަމަށް މި މެޗުގައި އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ 30 ވަނަ މިނިޓްގައި އެ ޓީމުގެ ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު އަނިޔާއަކުން އޭނާ ބަދަލުކުރަން ޖެހުމެވެ. ކޭން އަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގޭނީ ސްކޭންތަކެއް ހެދުމުން ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ކޭން އަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުނު ނަމަވެސް ޓޮޓެންހަމް ވަނީ ފަހަތުން އަރައި ބޯންމައުތު ބަލިކޮށްފަ އެވެ. އެ ޓީމުގެ ހެއުން ސޮން ދެ ލަނޑު ޖެހިއިރު އެހެން ލަނޑުތައް ޖެހީ ޑެލެ އަލީ އާއި ސާޖީ އޯރިއޭ އެވެ.

ރޭގެ މެޗަށް އާސެނަލް ނުކުތްއިރު ލީގުގައި އެންމެ ފަހުން އެ ޓީމު ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެހެން ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން ހޯދި މޮޅާ އެކު އާސެނަލް އޮތީ ރަނގަޅު ފޯމެއްގަ އެވެ.

މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި މެސުޓް އޮޒިލް ތަނަވަސްކޮށްދިން ފުރުސަތަކުން އާސެނަލަށް ލީޑުނަގައިދިނީ ޝްކޮޑްރަން މުސްތާފީ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލްގެ ލީޑުފުޅާކުރަން އޮޒިލް އަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން ނުހިފުނެވެ.

މެޗުގެ 59 ވަނަ މިނިޓްގައި އާސެނަލްގެ ލީޑުފުޅާކޮށްދިނީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އާސެނަލުން ދެ ލަނޑުގެ ލީޑެއް ނެގިތާ އިރުކޮޅެއް ފަހުން ވަޓްފޯޑުން އަލުން މެޗުގެ ތެރެއަށް ގެންނަން އެ ޓީމުގެ ކެޕްޓަން ޓްރޯއީ ޑީނޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ކީޕަރު ޕެޓަ ޗެކް ވަނީ މަތަކޮށްފަ އެވެ.

އާސެނަލްގެ ފަހު ލަނޑު ޖެހީ އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އެވެ.

ރޭގެ މެޗުގައި އާސެނަލް ކޮޅަށް ލަނޑެއް ނުވަދެ ނިމުނުއިރު މިއީ އެ ޓީމުގެ ކީޕަރު ޗެކް ޕްރިމިއާ ލީގުގައި ކޮޅަށް ލަނޑެއް ނުވައްދައި ފުރިހަމަ ކުރި 200 ވަނަަ މެޗެވެ.