މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން އަނެއްކާވެސް ކެންސަލްކޮށްފި
މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން އަނެއްކާވެސް ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ އަށް ތާވަލްކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހުގެ 27 ވަނަ ދުވަހަށް ވެސް ކުރިން ތާވަލްކުރި އެވެ. އެކަމަކު އެ އަޑުއެހުން ވެސް ކެންސަލްކުރީ އެވެ. އެއީ މައްސަލަ ހުށަހެޅި ފަރާތުން އެދިގެން ކަމަށް އެފަހަރު ބުނެފައިވެ އެވެ. ނަމަވެސް މާދަމާގެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އަމުރުގައި ކަނޑައެޅި އެވެ. އެ އަމުރުގެ އެ ބައި ބާތިލްކުރަން ދައުލަތުން މައްސަލަ ހުށަހަޅާފައިވާތީ، އެ މައްސަލަ ނިމެންދެން އެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.

އިންތިޚާބުވާ ޕާޓީން ވަކިވާ އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން މަޖިލީހަށް މިހާރު ވަނީ އެންޓި ޑިފެކްޝަންގެ ބިލެއް ހުށަހަޅައިފަ އެވެ. އަދި މާދަމާ މި ބިލްގެ ބަހުސް ފަށަން ވަނީ ހަމަޖައްސައިފަ އެވެ.