ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނައިފަރު ކައުންސިލް ރައީސްގެ ފޯނު އަތުލައިފި
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނައިފަރު ކައުންސިލް ރައީސްގެ ފޯނު އަތުލައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ޅ. ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމްގެ ފޯނު ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.

ނައިފަރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޝާހިދު ވިދާޅުވީ އެމްޑީޕީ ނައިފަރު ދާއިރާގެ ރައީސްކަން ވެސް ކުރައްވާ ކާރިމް މިއަދު މެންދުރު ނައިފަރު ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރުމަށް ފަހު ފޯނު އަތުލާފައިވާ ކަމަށެވެ.

"އެސްއޯއީގެ ދަށުން ކަމަށް ބުނެ ފޯނު އަތުލީ. ތުހުމަތު ކުރަނީ ކޮން މައްސަލައެއް ކަމެއް ނުބުނޭ،" ޝާހިދު ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުން ހިމެނޭގޮތަށް ނުވަ މީހަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހު ކުރި އަމުރާ ގުޅިގެން ދައުލަތުގެ މުއައްސަސާތައް ހުއްޓުވާލުމަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ފޯނު ވެސް ފުލުހުން މިއަދު ވަނީ އަތުލައިފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެތައް ބައެއްގެ ފޯނުތައް އަތުލައި އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުންނާއި ޕާޓީތަކުގެ އިސްވެރިން ހިމެނެ އެވެ.