ފައްޅިއަކަށް ހޮނު އެޅުމުން 16 މީހުން މަރުވެއްޖެ
ފައްޅިއަކަށް ހޮނު އެޅުމުން 16 މީހުން މަރުވެއްޖެ

ކިގާލީ (މާޗް 11) - ރުވާންޑާގެ ފައްޅިއަކަށް ހޮނުއެޅުމުން 16 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ދެކުނުގެ ނިޔަރުގުރު ޑިސްޓްރިކްޓުގެ މޭޔަރު ހަބިޓެގެކޯ ފްރާންސުވާ ވިދާޅުވީ ހޮނުއެޅުމުން ގިނަ ބަޔަކު ވަގުތުން މަރުވި ކަމަށެވެ. ދެ މީހުން މަރުވީ ފަރުވާ ދެމުން ދަނިކޮށް ކަމަށާއި އިތުރު 140 މީހަކަށް ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ތިން މީހެއްގެ ހާލު އަދިވެސް ސީރިއަސް ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ބުރުންޑީގެ ބޯޑަރު ކައިރީގައި އޮންނަ އަވަށުގެ ފައްޅި އަށް އިއްޔެ މެންދުރު ހޮނުއެޅި އިރު ގިނަ ބަޔަކު ވަނީ އެތަނަށް ޖަމާވެފަ އެވެ. އެ ސަރަހައްދުން ހުކުރު ދުވަހު ވެސް ވަނީ ހޮނުއެޅުމުން 18 އަހަރުގެ ދަރިވަރަކު މަރުވެފަ އެވެ. ހުކުރު ދުވަހު ހޮނުއެޅުމުން ޒަޚަމްވި ތިން ކުއްޖަކަށް ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

ރުވާންޑާގެ ފައްޅިއަކަށް ހޮނުއެޅުމުގެ ދެ ހަފުތާ ކުރިން ވަނީ އިމާރާތް ކުރުމުގެ ގަވާއިދުތަކާ ޚިލާފުވެގެން ނުވަތަ ބޭރަށް މާ އަޑުގަދަވުމުގެ ސަބަބުން ރުވާންޑާގެ 700 އަށް ވުރެ ގިނަ ފައްޅި ބަންދުކޮށްފަ އެވެ. ހޮނު އެޅި ފައްޅީގައި ވެސް ލައިޓްނިން ރޮޑް ހަރުކޮށްފައި ނުވާ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފައިވެ އެވެ.