11 މާޗް 2018 - 19:52

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިއަދު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.
ދައުލަތުގެ ވެރިންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ތުހުމަތުކޮށް މުހައްމާ ހައްޔަރުކުރުމަށް ފަހު ދޫކޮށްލީ އޭނާގެ ފޯނު ހިފެހެއްޓުމަށް ފަހުގަ އެވެ. އޭނާ ދޫކޮށްލީ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ހަވާލުކުރުމަށް ފަހުގަ އެވެ.
މުހައްމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ހަވާލުކުރި ޗިޓްގައި ބުނެފައިވާ ގޮތުން، އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަށް ދައުލަތުގެ އެކި އިދާރާތައް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެ އިދާރާތަކުގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހަޅައި މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ހުރަސް އަޅައި ނުފޫޒު ފޯރުވި ކަމަށް މުހައްމާގެ މައްޗަށް ތުހުމަތުކުރެވެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އުފެދުނު ސިޔާސީ ނުތަނަވަސްކަމާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރުގެ އެ ބައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ އެއަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ދެކެ އެވެ.