11 މާޗް 2018 - 19:51

ވޮޝިންޓަން (މާޗް 11) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންއާ އެކު ބާއްވާ ސަމިޓް ފަހަރެއްގައި ފެއިލް ވެސް ވެދާނެ ކަމަށާއި ނުވަތަ ދުނިޔެ އަށް މުހިންމު އެއްބަސްވުމެއް އެ ބައްދަލުވުމުން ހޯދިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޕެންސިލްވޭނިއާގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ޓްރަމްޕް ވިދާޅުވީ ނޯތު ކޮރެއާ އިން މިހާރު ސުލްހަ ބޭނުންވާ ކަމަށް އެމަނިކުފާނަށް ގަބޫލް ކުރެއްވޭ ކަމަށެވެ. އަދި ނޯތު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ނައްތާލުމުގައި ކުރިއެރުމެއް ނުލިބޭ ނަމަ މަޝްވަރާތަކުން އޭނާ ވަކިވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރަމްޕާއި ކިމްގެ މަޝްވަރާތައް މެއި މަހު ބާއްވާނެކަން އިއުލާންކުރި ނަމަވެސް ވަކި ތާރީޚަކާއި ތަނެއް ނިންމައިފައެއް ނުވެ އެވެ. އެމެރިކާގެ ވެރިކަމުގައި ހުންނެވި އެއްވެސް ރައީސަކު ނޯތު ކޮރެއާގެ ލީޑަރަކާ މިހާތަނަށް ބައްދަލު ކުރައްވައިފައެއް ނުވެ އެވެ.
ޓްރަމްޕުގެ ތަގްރީރުގައި ވަނީ ދެ ވަނަ ދައުރަކަށް އިންތިކާބުވެވަޑައިގަތުމަށް ޓަކައި 2020 ވަނަ އަހަރުގެ ކެމްޕޭނުގެ ސްލޯގަން ވެސް އިއުލާން ކުރައްވައިފަ އެވެ. އެމަނިކުފާން ވިދާޅުވީ ދެ ވަނަ ދައުރުގެ ސްލޯގަން އަކީ "އެމެރިކާ ވަރުގަދަ ގައުމެއްގެ ގޮތުގައި ބޭއްވުން" ކަމަށެވެ.