18 ޖުލައި 2016 - 09:34

ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ކުރީގެ ސަފީރު ޑރ.މުހައްމަދު އާސިމަށް ރުހުން ދިނުމުގެ މައްސަލަ ދިިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން ފޮރިން މިނިސްޓަރުގެ މަގާމަށް އާސިމް އައްޔަން ކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ. އާސިމް އެންމެ ފަހުން ހުންނެވީ ބަންގްލަދޭޝް އަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރަކަށެވެ.
އޮކްޓޯބަރު 2004 ގައި ހާރިޖީ ދާއިރާއާ ގުޅިވަޑައިގަތް އާސިމް ވަނީ ލަންކާ އާއި ޕާކިސްތާން އަދި އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕިއަން ކޮމިއުނިޓީޒްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ކުރިން އަދާކުރައްވާފަ އެވެ. އަދި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ކަމާއި އެމްބެސެޑަރު އެޓް ލާޖުގެ މަގާމުގައި ވެސް ހުންނެވި އެވެ.
އޭގެ ކުރިން އާސިމް ވަނީ ރައީސް އޮފީހުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އެ ގޮތުން، އެ އޮފީހުގެ ޕްރެޒިޑެންޝަލް އެއިޑް ކަމާއި އެމްޕްލޯއިމަންޓް އެފެއާޒްގެ ޑިރެކްޓަރު އަދި ފަހުން އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލްކަން ވެސް ކުރެއްވި އެވެ.
އާސިމް ޕީއެޗުޑީ ހާސިލް ކުރެއްވީ ޕޮލިޓިކަލް ސައެންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ރޮނގުން، ދަ އޮސްޓްރޭލިއަން ނެޝެނަލް ޔުނިވަސިޓީންނެވެ. އަދި އެމެރިކާގެ ދަ ކެލިފޯނިއާ ސްޓޭޓް ޔުނިވަސިޓީން އިންޓަނޭޝަނަލް އެފެއާޒުގެ ދާއިރާ އިން މާސްޓާޒް ވެސް ހާސިލް ކުރެއްވި އެވެ.
ފޮރިން މިނިސްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދުންޔާ މައުމޫން މި މަހުގެ 5 ގައި އިސްތިއުފާ ދެއްވުމުންނެވެ.