12 މާޗް 2018 - 06:18

ކަސްރަތަށް ދުވުމާއި ފެތުމާއި އެހެނިހެން ކުޅިވަރުތައް ކުޅޭ މީހުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ބޮކްސިން އަކީ ވެސް މިހާރު ކަސްރަތަށް މީހުން ކުޅޭ ކުޅިވަރެކެވެ. ޓެނިހާއި ފެތުން ފަދަ ކުޅިވަރުތައް ސްމާޓްވިއިރު ބޮކްސިން އަށް އެ ސްމާޓްކަން އައީ އަދި ކިރިޔާއެވެ.
ސްޓްރައިކް ޓެކްއަކީ މީގެ ކުރިން ޕްރޮފެޝަނަލްކޮށް ބޮކްސިން ތަޅާ އުޅުނު މީހުން ބޭނުންކޮށް އަޖުމަ ބަލާފައިވާ އެއްޗެކެވެ. އިތުރަށް ފުރިހަމަކޮށްގެން މިފަހަރު ނެރުނު ސްޓްރައިކް ޓެކް ވެސް ލައްވާލާނީ އަންގި ދަށަށެވެ. ދެ އަތުގެ ވެސް އަންގީގެ ދަށަށް ލައްވާލާފައި މަތިން އަންގި ބާރުކޮށްލުމަށް ފަހު ސްމާޓްފޯނު އެޕާ ގުޅުވާލުމުން އެ ނިމުނީއެވެ. ކަސްރަތު ބުރަށްފަހު ހުރިހާ މައުލޫމާތެއް ބެލޭނެއެވެ. ހަލުވި މިނާއި ގައިގެ ބާރާއި ޖޯރު ހުރި ވަރަކާއި އެކި ހަރަކާތްތައް ގެނެވުނު މިންވަރާއި އެންމެ ބާރު ޖެހުންތަކާއި މިފަދަ އެތައް މައުލޫމާތެއް ހުންނާނެ އެވެ.
ކަސްރަތަށް ބޮކްސިން ތަޅާ މީހުންނަށް މިއީ ވަރަށް ބޮޑު ހިތްވަރެކެވެ. މިއިން ޖަމާކޮށްދޭ މައުލޫމާތުގެ އެހީގައި އިތުރަށް ރަގަޅުކުރަންވީ ކަންކަން އޮޅުންފިލައެވެ. ސްޓްރައިކް ޓެކް ވެބްސައިޓްގައި މިހާރު މީގެ ސްޓްރައިކް ޓެކް ޖޯޑެއް ވިއްކަމުންދަނީ 249.95 ޑޮލަރަށެވެ.