ދިފާއީ ހެކިންގެ ގޮތުގައި ރައީސް ޔާމީނާއި ދައުލަތުގެ އިސް ބޭފުޅުންނާއި 44 މެމްބަރަކު ފާރިސްގެ ފަރާތުން ހުށަހަޅައިފި
ދިފާއީ ހެކިންގެ ގޮތުގައި ރައީސް ޔާމީނާއި ދައުލަތުގެ އިސް ބޭފުޅުންނާއި 44 މެމްބަރަކު ފާރިސްގެ ފަރާތުން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގައި ފާރިސްގެ ދިފާއީ ހެކިންގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީނާއި ދައުލަތުގެ ބައެއް އިސްވެރިންނާއި މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންގެ ނަން ފާރިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ފާރިސްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ފާރިސްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ އަދަދު 62 އަށް އަރަ އެވެ. އޭގެ ތެރޭގައި ރައީސް ޔާމީންގެ އިތުރުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އާއި މިހާރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ވެސް ހިމެނެ އެވެ.

މީގެ އިތުރުން މަޖިލީހުގެ 44 މެމްބަރަކު ވެސް ފާރިސްގެ ފަރާތުން ދިފާއީ ހެކިންގެ ލިސްޓުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ނަން ވެސް ހިމެނެ އެވެ.

މީގެ އިތުރުން މިހާރު ހައްޔަރު ކޮށްފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ފުލުހުންގެ ބައެއް އޮފިސަރުން ވެސް ފާރިސްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި އެވެ. ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި 62 ބޭފުޅުންގެ އިތުރުން އިތުރު ބައެއް ލިޔުންތައް ވެސް ފާރިސްގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅި އެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި ބައެއް ދިފާއީ ހެކިންނަކީ ޝަރީއަތުން ކުރިން ގޮތެއް ނިންމާފައިވާ ކަންކަމާ ގުޅިގެން ހުށަހަޅާ ދިފާއީ ހެކިން ކަމަށްވާތީ، އެކަމާ ގުޅޭގޮތުން މިހާރު އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ހައިލަމް ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ފާރިސްގެ ވަކީލުން ބުނީ ގިނަ އަދަދެއްގެ ހެކިން ހުށަހަޅަން ޖެހެނީ ދައުލަތުން އެ މައްސަލާގައި އަމަލުކުރާ ގޮތުން ކަމަށާއި ފާރިސް ރިޝްވަތު ދިން ކަމަށް ބުނާ ދުވަހެއް އަދި ވަގުތެއް ވެސް ދައުލަތަށް ބުނެދެވިފައިނުވާ ކަމަށެވެ. އެހެންވެ، ރިޝްވަތު ހުށަނާޅާކަން ސާބިތުކުރަން އެހާ ގިނަ ހެކިން ހުށަހަޅަން ޖެހެނީ ކަމަށް ފާރިސްގެ ވަކީލުން ބުންޏެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅީ ސިއްރު ހެކިވެރިއަކާއި ރިޝްވަތުގެ މުއާމަލާތުގެ މެދުވެރިއެއްގެ ރޯލު އަދާކުރި ކަމަށް ބުނާ އަހުމަދު ޝާފިއު ތަހުގީގަށް ދިން ބަޔާނާއި އޭނާ އެހެން މީހަކާ ދެއްކި ވާހަކައެއްގެ ރެކޯޑިންއެކެވެ. މީގެ އިތުރުން ފާރިސް ދިރިއުޅޭ ގެ ފާސްކުރި ތިން ފުލުހަކާއި އެގެއިން ފެނުނު، މަޖިލީހުގެ ބައެއް މެމްބަރުންގެ ނަން ލިޔެފައިވާ ގަނޑަކާއި އެ މައްސަލާގައި ފާރިސްގެ ފޯނުން ފެނުނު މެސެޖްތަކަކާ ގުޅިގެން ތައްޔާރުކުރި ރިޕޯޓަކާއި އެ ރިޕޯޓް ހެދި މީހާ ވެސް ދައުލަތުން ހުށަހެޅި އެވެ.

ފާރިސްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ ކުރިން، ހެކިބަސް ނަގަންޖެހޭ ހެކިވެރިންނާ މެދު ވާހަކަ ދައްކަން ބޭނުންވާ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު ގާޒީ ހައިލަމް ވިދާޅުވީ ދިފާއީ ހެކިންގެ ތެރެއިން ހެކިބަސް ނަގާނީ ކޮން ހެކިވެރިންނެއް ކަން ކަނޑައަޅާނީ ކޯޓުން ކަމަށާއި އެކަން ނިންމަވާނީ ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނެގުމަށް ފަހު ކަމަށެވެ.

ދެން އޮންނާނީ އެ މައްސަލާގައި ހެކިންގެ ހެކިބަސް ނެގުމެވެ. ހެކިބަސް ނެގުމަށްޓަކައި އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލު ދެ ފަރާތަށް ފަހުން އަންގަވާނެ ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ.

ރިޝްވަތުގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ ފާރިސްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް އޭނާއަށް ގެއްލޭނެ އެވެ.

ރިޝްވަތުގެ ދައުވާގެ އިތުރުން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް ފާރިސްގެ މައްޗަށް ކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.