12 މާޗް 2018 - 06:24

މަހޭޝް ބަޓް 1990 ގައި ގެނެސްދިން ކާމިޔާބު އަދި މަޝްހޫރު އެތައް ލަވައެއް ހިމެނޭ ފިލްމް "އާޝިގީ" އިން އެތައް ބައެއްގެ ހިތްތައް އަތުލި އެކްޓަރު ރާހުލް ރޯއި ޒަމާންގަނޑަކަށް ފަހު، އަނެއްކާ ވެސް ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވެއްޖެ އެވެ.
އޭނާ އެނބުރި އަންނަ ފިލްމަކީ "ވެލްކަމް ޓު ރަޝިއާ" އެވެ. ނިތިން ގުޕްތާ ޑައިރެކްޓްކޮށްފައިވާ ފިލްމްގައި ރާހުލް ކުޅެފައި ވަނީ އިންޑިއާ އާއި ރަޝިޔާ އަށް ނިސްބަތްވާ އަރްސަން ކިޔާ ކޮރަޕްޓް ފުލުހެއްގެ ކެރެކްޓާ އެވެ.
ފިލްމާ ބެހޭ ގޮތުން ރާހުލް ބުނީ އޭނާ އަށް ކުޅެން ލިބުނު ރޯލާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ފިލްމް މި އަހަރުގެ ފަހުކޮޅު ސިނަމާތަކަށް އަންނާނެ ކަމަށެވެ.
"އަހަރެން ފިލްމުން ފެންނަ ގޮތާއި ކުޅެފައިވާ ރޯލް ވަރަށް ތަފާތު ވާނެ. ވަރަށް އުފަލުން މިހިރީ ފިލްމާ ދޭތެރޭ،" ރާހުލް ބުންޏެވެ.
މިހާރު އުމުރުން 50 އަހަރުގެ ރާހުލް "އާޝިގީ" ގައި ކުޅުނު ލަވަބޯއިގެ ރޯލާއެކު، ކުއްލި މަޝްހޫރު ކަމެއް ލިބި، ކެރިއަރުގެ ކުރީކޮޅުގައި ވަރަށް ގިނަ ފިލްމްތަކެއް ކުޅުނެވެ. އޭގެ ތެރޭގައި ޕިޔާރް ކާ ސާޔާ (1991)، ޖާނަމް (1992) އަދި ގުމްރާހް (1993) ފަދަ ފިލްމްތައް ފާހަގަކޮށްލެވެ އެވެ.
ބައެއް މީހުން ބުނާ ގޮތުގައި ކުރިން މަގުބޫލު އެކްޓަރެއްގެ ގޮތުގައި ރާހުލް ފާހަގަ ކުރެވުނު ނަމަވެސް މަހޭޝް 1992 ގައި ގެނެސް ދިން "ޖުނޫން" ގައި ރާހުލް ކުޅުނު މިނިކާވަގަކަށް ބަދަލުވާ ރޯލުގެ ސަބަބުން އޭނާގެ މަޝްހޫރުކަން ވަރަށް ބޮޑަށް ފަނޑުކޮށްލި އެވެ.
ރިއަލިޓީ ޝޯ "ބިގް ބޮސް" ގައި 2006 ގައި ވާދަކޮށްގެން ކާމިޔާބު ވެސް ކުރި ރާހުލް އެންމެ ފަހުން ފެނުނު ފިލްމަކީ 2014 ގައި ރިލީޒް ކުރި "2ބީ އޯ ނޮޓް ޓް ބީ" އެވެ.