11 މާޗް 2018 - 14:33

ދުއްވާ އެއްޗެހި ގިނަވެ، ޕާކް ކުރާނެ ޖާގަ ނެތުމުން އެކަމަށް ހައްލެއް ގެންނަން ހައުސިން މިނިސްޓްރީން މާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ބަހައްޓަން ހިންގާ މަޝްރޫއުގެ ދަށުން، އަމީނީ މަގުގައި ކުރިން އަސަރީ ކެފޭ ހިންގި ތަނުގައި ޕާކިން ސިސްޓަމްތަކެއް ހަދަން މަސައްކަތް ފަށައިފި އެވެ.
ހައުސިން މިނިސްޓްރީން ކުރި އަށް ގެންދާ އެ މަޝްރޫއުގެ ދަށުން އެ ތަނުގައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ކާރު ޕާކުކުރެވޭ އެއް ސިސްޓަމާއި ސައިކަލް ޕާކުކުރެވޭ ދެ ސިސްޓަމެވެ. ނަމަވެސް އެ ތަނުގައި ޕާކުކުރެވޭނީ އުޅަނދުގެ އަދަދެއް ސާފެއް ނުވި އެވެ.
އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ވިދާޅުވީ ޕާކިން ސިސްޓަމް ބަހައްޓާ ތަނުގެ ބިންގާ އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން 2016 ގައި ނިންމާފައި އޮތީ މާލޭގެ އެކި ހިސާބުތަކުގައި 20 ޕާކިން ސިސްޓަމް ބަހައްޓާށެވެ. އެކަން އެސްޓީއޯއާ ހަވާލުކުރުމުން މިހާތަނަށް ދެ ސިސްޓަމެއް ވަނީ ބަހައްޓައިފަ އެވެ. އޭގެ ތެރެއިން ވެލާނާ ބިލްޑިން ކައިރީގައި ކާރަށް ހާއްސަ މެކޭނިކަލް ޕާކިން ސިސްޓަމެއް ހަރުކުރި އިރު، ކުރިން ހީނާމާގޭ ހުރި ހުސް ބިމުގައި ބެހެއްޓީ ސައިކަލަށް ހާއްސަ ނިޒާމެކެވެ. ނަމަވެސް އެއިން އެއްވެސް ސިސްޓަމެއް ބޭނުންކުރާކަށް އަދި ނުފަށަ އެވެ.
އަމީނީ މަގުގައި ޕާކިން ސިސްޓަމްތަކެއް ބަހައްޓާއިރު މަޖީދީމަގު މާފަންނު ސަހަރާގެ ހުޅަނގު ދެކުނު ކަންމަތީގައި ވެސް ޕާކިން ސިސްޓަމެއް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.