11 މާޗް 2018 - 13:01

ލަންޑަން (މާޗް 11) – އާސެނަލްގެ ކޯޗުކަމުން ވަކިވާން ޕްރެޝަރު ކުރިމަތިވެފައިވާ އާސެން ވެންގާ އެ ޓީމުގެ ސީނިއާ ކުޅުންތެރިންނާ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި އަހަރު ފެށިގެން މިހާތަނަށް ޖުމްލަ ގޮތެއްގައި އާސެނަލްގެ ނަތީޖާތަށް އައީ ދަށްވަމުންނެވެ. އޭގެ ސަބަބުން ވެންގާގެ މުސްތަގުބަލާ ގުޅޭގޮތުން އެ ކްލަބްގެ ބޯޑު މެމްބަރުންގެ ބައްދަލުމެއް ވެސް މި ހަފްތާ އަށް ތާވަލްކުރެވުނެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުރާސްފަތި ދުވަހުގެރޭ ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި އޭސީ މިލާން އަތުން ރަށުންބޭރުގައި އާސެނަލް ހޯދި މޮޅާ އެކު އާސެނަލް ބޯޑު މެމްބަރުންގެ ބައްދަލުވުން ވަނީ ފަހުގެ ތާރީހަކަށް ބަދަލުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިލާން މެޗަށް ފަހު އެނބުރި ލަންޑަނަށް އައިސް ވެންގާ ވަނީ ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންނާ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. އަދި އެ ކުޅުންތެރިންގެ ކިބައިން ބައެއް ކަންތައްތަކެއް ފުރިހަމަ ކުރުމަށް އެދުނެވެ. އޭގެ ތެރޭގައި ވެންގާގެ މުސްތަގުބަލާ ގުޅުވައިގެން މީޑިއާގައި ދައުރުވާ ވާހަކަތަަކަށް ކުޅުންތެރިން މާ ބޮޑު ސަމާލުކަމެއްނުދީ ޓީމާ މެދު ވިސްނުން އިސްކުރުމަށް އެދިފައިވެ އެވެ.
ވެންގާއާ ބައްދަލުކުރި ކުޅުންތެރިންގެ ތެރޭގައި ޓީމުގެ ކެޕްޓަން ލޯރެންޓް ކޮޝިއެލްނީ އާއި މެސުޓް އޮޒިލް އަދި ޕެޓަ ޗެކް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ކްލަބުގެ މެޖޯރިޓީ ހިއްސާދާރު އަދި ވެންގާއާ ގާތްގުޅުމެއް އޮންނަ އެމެރިކާގެ ސްޓެން ކްރޮއެންކޭ ވަނީ މި ސީޒަނުގެ ނަތީޖާތަކަށް ބެލުމަށް ފަހު ވެންގާ މަގާމުން ދުރުކުރުމަށް ވިސްނާނެ ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ބައެއް މީޑިއާތަކުން ކްރޮއެންކޭގެ ދަރިފުޅު ޖޯޝް ކްރޮއެންކޭ ވަނީ އާސެނަލުގެ ކޯޗުން ތިއަރީ އޮންރީ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. މި ވަގުތު ބެލްޖިއަމް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި އޮންރީ ބުނީ އާސެނަލް ކޯޗަކަށް ވުމަކީ ހުވަފެނެއް ކަމަށް ބުނެފަ އެވެ.
މި ސީޒަނުގައި އާސެނަލަށް އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ ފުރުސަތު ގެއްލިފައިވާއިރު، ގަދަ ހަތަރެއްގައި ނިންމާލައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އުއްމީދު ވެސް ވަނީ ކުޑަވެފަ އެވެ. އާސެނަލަށް ތަށްޓަކަށް ވާދަކުރެވެން އޮތް ހަމައެކަނި މުބާރާތަކީ ޔޫރޮޕާ ލީގެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް ނުކުންނާނީ އަމިއްލަ ދަނޑުގައި ވެޓްފޯޑާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 18:30 ގަ އެވެ.